ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ ދަފްތަރު މިރޭ އިފްތިތާހުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިރޭ 8:30 ގައި ދަަރުބާރުގޭގައި ބާއްވާ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިރޭގެ ރަސްމިއްޔާތުގައި ޓޫރިޒަމް ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ މާސްޓާޕްލޭނާއި ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ ދަފްތަރު އިފްތިތާހު ކުރުމުގެ އިތުރުން މުވައްޒަފުންނަށް ދިމާވާ މައްސަލަތަކުގެ ޝަކުވާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅޭނެ ފުރުސަތުވެސް ފަހިކޮށްދޭނެއެވެ.
މީގެ އިތުރުން ޓޫރިސްޓު ރަށްރަށުގައި ލައިފް ގާޑް ނުވަތަ ބީޗް ސްކައުޓުން ތައާރަފު ކުރަން ފެށުން ވެސް މިރޭގެ ރަސްމިއްޔާތުގައި އޮންނާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީއަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއި ގުޅިގެން އެ މިނިސްޓްރީއިން ފާހަގަކުރި ގޮތުގައި މިރޭ އިފްތިތާހުކުރާ ހިދުމަތްތަކުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ދާއިރާ ތަރަައްގީ ކުރުމަށް ރައީސް ސޯލިހު ދެއްވާ ސަމާލު ކަމަށް ވަރަށް ބޮޑު ބާރެއް ލިބޭނެ އެވެ.