އިބްރާހިމް ޒަކީ
ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އޮފްޝޯ ޕްލެޓްފޯމް (ކަންނެލި ޖަގަހަ) ތަކެއް ގާއިމު ކުރުމާގުޅޭގޮތުން ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި އެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މި ގަރާރުގައި، ބުނެފައިވަނީ އައިސް އާއި ތެޔޮ އަދި މަސްދޯނި ފަހަރަށް ބޭނުންވާ ސާމާނު، މި ޕްލެޓްފޯމް ތަކުން ފޯރުކޮށް ދިނުމުން، މަސްވެރިން އެނބުރި ރަށަށް ދާން ކުރާ ބޮޑު ހަރަދުން ސަލާމަތްވާނެ ކަމަށެވެ.
ގަރާރުގައިވާގޮތުން، މި ޕްލެޓްފޯމް ތަކުން ސައި ހޮޓަލާއި، މަސްވެރިންނަށް ބޭނުންވާނޭ އެހެނިހެން ހިދުމަތްތައް ލިބޭނެއެވެ.
އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް މިފަދަ ކަންނެލި ޖަގަހަތައް ގާއިމް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ގަރާރުގައި ވަނީ، ދިވެހި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ދިވެހި މަސްވެރިންގެ ނަފާވެރިކަން އިތުރު ކުރުމަކީ، ސަރުކާރާއި، އެމްޑީޕީިގެ މައި ވައުދު ކަމަށެވެ.
ދިވެހި މަސްވެރިން ބާނާ މަހަށް، ހަމަ އަގު ހޯދައި ދިނުމާއި، ބޭރު ކަނޑުން މަސްވެރިން ބާނާ މަސް ވިއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް، ރާއްޖޭގެ ރަށްތަކާ ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަންކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް، އޮފްޝޯ ޕްލެޓް ފޯމް ގާއިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުން އިގުރާރުވާ ކަމަށެވެ.
މި ގަރާރަށް ވޯޓަށް އެހުމުން ގަރާރު ބަލައިގެންފައިވަނީ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
މި ގަރާރު މަޖިލީހަށް މަލައިގަތުމުން، އިގުތިސާދީ ކޮމިޓީއަށް ފޮނުވިކަން ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްުދުﷲ އިއުލާން ކުރެއްވިއެވެ.