ރާއްޖެ ދެން ޚުދުމުޚުތާރު ވެރިކަމެއްގެ ތެރެއަށް ދިއުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމަށްފަހު، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން އެގައުމުގައި ދެ އަހަރާއި 9 މަހާއި 12 ދުވަސް ހޭދަކުރެއްވުމަށްފަހު، ދެ އަހަރާއި އަށް މަސްދުވަހަށްވުރެ ގިނަ ދުވަހު ގައުމުން ބޭރުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށްފަހު، މިއަދު ރާއްޖެ ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެއަކީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގާ ތަނަކަށް ވެގެންދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އިބޫގެ ސަރުކާރު ދަމަހައްޓަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން އިސްލާހީ މަސައްކަތުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ގާސިމް އިބްރާހީމްއާއި، އިމްރާން އަބްދުﷲގެ އިތުރުން އިސްކޮށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި ނަޝީދު ވަނީ އެބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ. އެގޮތުން އިސްލާހީ ހަރަކާތުގެ ދަށުން ކުރެއްވި މަސައްކަތަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެންދާނެ މަސައްކަތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.