ގައުމީ އިނާމު

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެ: ރައީސް އޮފީސް

މަރިޔަމް ޝަހުދާ

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި ގައުމީ އިނާމަށް ކުރިމަތިލުމަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖުލައި 31 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. އެ ވަގުތުގެ ކުރިން ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނެ އެވެ.

ގައުމީ އިނާމަށް އެދި ނަން ހުށަހެޅުމަށް ފޯމު ހުށަހަޅަން ޖެހެނީ ރައީސް އޮފީހަށެވެ. މިކަމަށް ހުށަހަޅަން ޖެހޭފޯމު ރަސްމީ ގަޑީގައި ރައީސް އޮފީހުން ލިބިވަޑައިގަންނަވާނެ ކަމަށާއި މީގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓުން މި ފޯމު ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މި ފޯމު ހުށަޅަން ޖެހެނީ ގައުމީ އިނާމާއި ބެހޭ ކޮމިޓީއަށް އެޑްރެސް ކުރެއްވުމަށްފަހުއެވެ.

މި އިނާމަށް ސަރުކާރުގެ އިދާރާތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުން ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެހެން މީހެއްގެ ނަން ގައުމީ އިނާމަށް ހުށަހެޅުމުގެ އިތުރުން އަމިއްލަ ފަރާތްތަކާއި ކުންފުންޏެއް ނުވަތަ އަމިއްލަ ޖަމިއްޔާ/ޖަމާއަތެއް މެދުވެރިކޮށް ގައުމީ އިނާމަށް ނަން ހުށަހެޅޭނެ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިއަހަރުގެ ގައުމީ އިނާމު ދިނުމަށް ހަމަޖއްސާފައިވަނީ ގައުމީ ދުވަހުގެ މުނާސަބާގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައެވެ. ރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ. މިދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވީ ދުވަހެވެ.