ދަރިންނަށް އިސްލާމްދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި އުނގަންނައިދޭން ސަރުކާރުންނާއި ބެލެނިވެރިން މަސައްކަތްކުރަން ޖެހޭކަން ހަނދާން ކުރަން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި އެ ދީން އުނގެނުމާއި އެ ދީނާ އެއްގޮތަށް އަމަލުކުރުމަކީ ކޮންމެ މުސްލިމަކަށް ލާޒިމް ކަމެއްކަން ދަރިންނަށް އަންގައިދޭން ޖެހޭ ކަމަށެވެ.
"ދަރިންނަށް އިސްލާމްދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި އުނގަންނައިދޭން ސަރުކާރުންނާއި ބެލެނިވެރިން މަސައްކަތްކުރަން ޖެހޭކަން ހަނދާން ކުރަން ޖެހެއެވެ. ގުރުއާން ކިޔަވަން ދަސްކޮށްދީ، ހަތިމުކޮށްދީ، ގުރުއާނުގެ މިންވަރެއް ހިތުދަސްކޮށްދިނުން ބެލެނިވެރިންނާއި، ކަމާބެހޭ މުއައްސަސާތަކަށް ލާޒިމުވެގެންވާކަން ހަނދާން ކުރަންޖެހެއެވެ.،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ހަނދާންކުރަންވީ މިއަދު މި ލޮބުވެރި ވަތަނުގައި އިސްލާމްދީން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި ދިވެހިރާއްޖެ އިސްލާމްވުމާއެކު ރާއްޖޭގެ ރައްޔިތުން އިސްލާމްދީނުން ބޭރަށް ނެރެވޭތޯ އެކި ދުވަސްވަރު ތަފާތު އެތަކެއް މަސައްކަތް ކޮށްފައިވާކަން ތާރީހުން ހެކިދޭ ކަމަށެވެ.
"އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މިކަން ކޮށްފައިވަނީ ޕޯޗުގީޒް އިސްތިއުމާރުގެ ޒަމާނުގައެވެ. އިސްތިއުމާރީ ގައުމުތަކުން އެކި ގައުމުތަކަށް އަރައި އެ ގައުމުތަކުގެ މީހުން އެމީހުންގެ ދީނުން ބޭރުކުރަމުން އައިސް ދިވެހިރާއްޖެ ވެސް ގަދަކަމުން އެމީހުންގެ ދީނަށް ވެއްދޭތޯ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެމީހުންގެ މަސައްކަތް ނާކާމިޔާބުވެ ރާއްޖެ އިސްލާމްދީން މަތީ ދެމިއޮތީ ﷲގެ ފަޟްލުވަންތަކަމާއި، ބޮޑުތަކުރުފާނުގެ އަގުހުރި ޖިހާދާއި މިންނެތް މަސައްކަތްޕުޅުގެ ސަބަބުންނެވެ.،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ދީނާ ހިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ގިނަ އަދަދެއްގެ ފައިސާއާއި، ސިޔާސީ ނުފޫޒާއި، މިނިވަންކަމުގެ ޝިއާރުތައް ބޭނުންކޮށް އެމީހުންގެ ދީނަކީ ވަރަށް އޯގަތެރި ދީނެއްކަން މުސްލުމުންނަށް ދައްކާ ކަމަށެވެ.