މަގުމަތީގެ އެކްސިޑެންޓް

ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުންނެއްޓި ފާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

މަރިޔަމް ޝަހުދާ

ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުންނެއްޓި ހުޅުމާލެ އެމްޑަބްލިއުއެސްސީ ފާރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ރޭ ދަންވަރު 1:00 ހާއިރު ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލައިސަންސް ނެތުމުގެ ސަބަބުންނެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑެއްގައި ކާރު ދުއްވާފައި ދަނިކޮށް ކާރު ކޮންޓްރޯލުން ނައްޓައިގެން ދިޔުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ފާރަށާއި އެމީހާ ދުއްވަން އިން ކާރުގެ ކުރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.