ޖުލައިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 26ގެ ނިޔަލަށް މާލޭގައި 50 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހަފްތާއަކު އެއްފަހަރު ފުލުހުން އާއްމު ކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ހަފްތާގައި 50 އެކްސިޑެންޓު ހިނގާފައިވާއިރު، 15 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރުމުގެ ސަބަބުން 256 އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާފައިވާއިރު ގަވާއިދާ ހިލާފުވުމުގެ ސަބަބުން 43 ވެހިކަލެއް ފުލުހުން ވަނީ ޓޯ ކޮށްފައެވެ.
އަދި ޓްރެފިކްގެ ނިޝާނާ ހިލާފުވެގެން، 13 މީހަކު ހުއްޓުވާފައިވާއިރު، ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 55 މީހުން ހުއްޓުވައި، ފިޔަވަޅު އަޅާފައިވެއެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފްތާގައި 220 އުޅަނދެއް ބަލާ ފާސްކުރިއެވެ. އަދި ލައިސެންސް ނެތި ދުއްވައިގެން 109 މީހަކަށް ފިޔަވަޅު އަޅާފައިވެއެވެ. އަދި ފަސް ފަރާތެއްގެ ލައިސަންސް ހިފަހައްޓާފައިވެއެވެ.
މީގެ އިތުރުން، ސައިކަލު ދުއްވަމުން ހެޑްސެޓް ޖަހައިގެން ނުވަތަ ފޯނު ބޭނުންކުރި 45 މައްސަލައެއް ކުރިމަތިވިއިރު، ސައިކަލު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ތިން މީހަކަށް ފާއިތުވި ހަފްތާގައި ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.