ޚަބަރު

މަހަކު އެއް ފަހަރު މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރަނީ!

ފަތޯނާ ފާއިޒު

1

ކޮންމެ މަހެއްގެވެސް އެއްދުވަހު މާލޭ ސިޓީގައި އުޅަނދުފަހަރު ނުދުއްވާ ގޮތަށް ގަވައިދެއް ހެދުމަށް މަޝްވަރާ ކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިދިނުން އެދޭ ކަމަށް ބުނެ، ސިޓީ ކައުންސިލު ޓެގުކޮށް، މީހަކު ކުރި ޓުވީޓެއް ރީޓްވީޓް ކުރައްވަމުން، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، އެކަން ހަމަޖެއްސުމަކީ ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓްވީޓު.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ ވަކި ވަގުތެއްގައި އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ހަދަން ސިޓީ ކައުންސިލުން ނިންމި ނަމަވެސް، އެކަމުގައި ޓްރާސްޕޯޓް އޮތޯރިޓީގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް އަމަލީ ސިފަ ގެނެވޭނީ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ލަފަޔާއެކުގައި ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވެފައިވަނީ، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައެޅުމުން ހިދުމަތް ހޯދާ ބައެއް މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަަމަށެވެ. އެހެންކަމުން އެފަދަ ނިންމުމެއް ނިންމާނީ މަޝްވަރާތަކަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އީދު ފަދަ ދުވަސްތަކުގެ މުނާސަބަތުގައި މާލޭ ސިޓީގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައެޅުމަކީ ފަހަކަށް އައިސް ކޮންމެ ސަރުކާރަކުންވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ. އެ ގަޑިތަކުގައި ގިނަ ބަޔަކު ކުޑަކުދިންނާއެކު މަގުތަކަށް ހިނގާލަން ނުކުމެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟