މޯލްޑިވްސް ކަސްޓަމްސް ސާވިސް

ބަނގުރަލުގެ ބާވަތެއް ހުރި ދަޅުތައް ނަގަން، އެތަކެތި އެތެރެކުރާ ފަރާތްތަކާ މަޝްވަރާކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ގާސްޓަލް ''ނޮން އަލްކޮހޯލިކް ބިއަރު'' ގައި ބަނގު އާވި ހިމެނޭ ބާވަތުގެ ބުއިންތައް ބާޒާރުން ނެގުމާ ގުޅޭގޮތުން އެތަކެތި އެތެރެކުރާ ފަރާތްތަކާ މަޝްވަރާކުރަަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ގާސްޓަލް ''ނޮން އަލްކޮހޯލިކް ބިއަރު''ގައި ބަނގު އާވި ހިމެނޭކަން ކަސްޓަމްސްގެ އިންޓެލިޖެންސަށް ޝައްކު ކުރެވިގެން މިއަހަރުގެ ޖޫން މަހުން ފެށިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އަދި އެބާވަތުގެ ބުއިންތައް 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުރަން ފަށާފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ، އެންމެ ފަހުން އެފަދަ ބުއިމުގެ ޝިޕްމެންޓެއް ރާއްޖެ އެތެރެކޮށްފައިވަނީ 3 އޮގަސްޓް 2018ގައި ކަމަށެވެ.

އަދި އެ މައްސަލަ ބަލަމުން ދަނިކޮށް ރާއްޖެ އެތެރެކުރި ޝިޕްމެންޓެއް 17 ޖުލައި 2019 ގައި ހިފަހައްޓާފައިވާނެ ކަމަށް ކަސްޓަމުގެ ބަޔާނުގައި ވެއެވެ. މި ބުއިންތަކުގައި 0.3 އަށް ވުރެ ގިނަ ނޫން މިންވަރަށް ބަނގު އާވި އެކުލެވިގެންވާކަން ލެބޯޓްރީ ތަހުލީލުތަކުން ކަސްޓަމްސަށް ސާބިތުކުރެވިފައިވަނީ 21 ޖުލައި 2019 ގައި ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ދިވެހި ރާއްޖެއަށް ކާބޯތަކެތި އެތެރެކުރެވޭނީ ފުޑްއެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކުކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މިބާވަތުގެ ބުއިންތަކަކީ އަހަރުތަކެއް ވަންދެން ރާއްޖޭގެ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވެމުން އައިސްފައިވާ ބިއުމަކަށްވެފައި، މިއީ ގިނަ ބައެއްގެ ވިޔަފާރީގެ މަސްލަހަތާ ގުޅިފައިވާނެ މައްސަލައެއްކަން ފާހަގަކުރާ ކަމަށް ވެސް ކަސްޓަމްސްގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އެ މައްސަލައާ ގުޅިގެން އުފެދިދާނެ ކަންކަން ހައްލުކުރުމަށް ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ވެއެވެ. ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތްތަަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.

ބަނގުއާވި ހުރި ބުއިމެއް ވިއްކަމުން އަންނަ މައްސަލައިގައި މީސް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އެތަކެތި ފިހާރަތަކުން ނެގުމަށް ގޮވާލަމުންނެވެ.