ޚަބަރު

ހިރިލަންދޫ ކައިރީގައި ކަނދުފަތި އަޅާ ނިންމާލައިފި

ފަތޯނާ ފާއިޒު

ތ. ހިރިލަންދޫ ކައިރީގައި ކަނދުފަތި އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، އެ ކަނދުފައްޗަކީ ދިވެހިރާއްޖޭގައި ދޮށީގެ މަސްވެރިކަމަށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިއުގަޔަށް ކަނދުފައްޗެއް އިތުރުކުރުމަށްޓަކައި އެޅި ކަނދުފައްޗެއް ކަމަށެވެ. ފިޝަރީޒް މިނިސްޓްރީން ދާދި ފަހުން ވަނީ ހއ.ހޯރަފުށި ކައިރީގައިވެސް ކަނދުފަތި އަޅާފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކުރި ޓްވީޓު

އޮއިވާލި ކަނދުފަތިތައް އަޅާފައިވާ ކަނޑުގެ ސަރަހައްދުތަކުން، ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކުން ބާނާ މަހުގެ ތަފާސް ހިސާބު ފިޝަރީޒް މިނިސްޓްރީއާ ހިއްސާ ކުރަންޖެހެއެވެ.

މަސްވެރިން، މަސް ހޯދުމަށް ހޭދަ ކުރާ ވަގުތު މަދު ކުރުމަށްޓަކައި ދިވެހި ސަރުކާރުން އެންމެ ފުރަތަމަ އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުގައެވެ.

އެގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ ހަރުކުރި ދިހަ ކަނދުފަތި ހަރުކޮށްފައިވަނީ ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމިއްޔާ، އެފްއޭއޯގެ އެހީގައެވެ. އެފްއޭޑީތަކާ ތިން މޭލު ކައިރީގައި ކުރުން މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި މިޔަރު ނެގުމާއި، ލޭނު އެޅުމާއި، ތާވަޅަ ބޭނުންކުރުން ހިމެނެއެވެ.