އިބްރާހިމް ޒަކީ
ވަކީލުންނާބެހޭ މައްސަލަތައް މިހާރު ހުށަހަޅަންޖެހެނީ، ސުޕްރީމް ކޯޓަށްނޫންކަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކޮންމެސް މީހަކު ކިޔައިދޭން ޖެހޭ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް، (ޕީޖީ) ގެ ވަކީލާ އައިޝަތު މުހައްމަދު، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ މައްސަލައެއް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ، ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކީލުންގެ މައްސަލަތައް މިހާރު ހުށަހަޅަންޖެހެނީ ސުޕްރީމް ކޯޓަށް ނޫން ކަމަށާއި، ބާ ކައުންސިލަށް ކަމަށް ކޮންމެސް މީހަކު ރައީސް ޔާމީނަށް ދަންނަވަން ޖެހޭ ކަމަށެވެ.
މީގެ ކުރިން ކޯޓުތަކުން ވަކީލުންނަށް ފިޔަވަޅު އަޅަމުން އައި ނަމަވެސް ގާނޫނީ ފަންނުގެ ގާނޫނުން އެ ބާރުތައް ވަނީ ކޯޓުތަކުގެ ކިބައިން ނަގައިފައެވެ.
ގާނޫނީ ފަންނުގެ ގާނޫނު ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ތަސްތީގު ކުރައްވާފައިވަނީ ހުސްވި ޖޫން މަހުގެ 27 ގައެވެ.
އެ ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން ގާނޫނުގައި ބުނެފައިވާ ބާ ކައުންސިލް އުފައްދަވައި އެ ކައުންސިލަށް މިހާރު ވަނީ މެންބަރުން އިންތިހާބު ކޮށްފައެވެ.
އެ ގާނޫނުން ވަކީލުންނާއިބެހޭ ހުރިހާ ކަމެއް ބަލަހައްޓާނީ ބާ ކައުންސިލުންނެވެ.
ވަކީލުންގެ މައްސަލަތައް ބެލުމާއި، ވަކީލުންނަށް ފިޔަވަޅު އެޅުމާއި، ސަސްޕެންޑް ކުރުމާއި، ހުއްދަ ބާތިލް ކުރުމާއި، ވަކީލުންނަށް ތަމްރީނު ދިނުމާއި ވަކީލުންނަށް ހުއްދަ ދިނުމުގެ ކަންތައްތައްވެސް ގާނޫނުން މިހާރު މަތިކޮށްފައިވަނީ ބާ ކައުންސިލްއާއެވެ.
ޕީޖީ ގެ ވަކީލާ އައިޝަތު މުހައްމަދު، ގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ޔާގީންކޮށްދެއްވަމުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒް ''ވަން އޮންލައިން'' އަށް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޖީ ވަކީލާ އައިޝަތުގެ ސުލޫކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލައެއްކަމަށެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.
ޝިޔާޒް ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ޔާމީންގެ މައްޗަށް ޝަރީއަތް ކުރެވެމުންދާ މައްސަލައިގެ ހެތްކެއްގެ ބަޔާން ބަދަލުކޮށް، ޔާމީން ނުފޫޒު ފޯރުވާކަމަށް ބުނެ ދޮގު މައުލޫމާތު ކޯޓުގައި ދިނުމުން ކަމަށެވެ.
ޝިޔާޒް ވިދާޅުވީ ވަކީލާ އައިޝަތު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި ވަކީލާއަށް އެކަމުގެ ހެއްކެއް ދެއްކިފައިނުވާ ކަމަށެވެ.