އިބްރާހިމް ޒަކީ
އިލެކްޝަން ކޮމިޝަން (އީސީ) ބަދުނާމު ކުރުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ދޮގު ހައްދަވަމުން ގެންދަވާ ކަމަށްބުނެ އީސީގެ މަސައްކަތާމެދު ރައްޔިތުންގެ ހިއްތައް ހަރާބުކުރަން މަސައްކަތް ނުކުރުމަށް ސިޔާސީ ފަރާތްތަކަށް އީސީން ގޮވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމަށް ގޮވައިލެއްވީ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓާމެދު އިތުރަށް ސުވާލު އުފައްދައި އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތު ތަކެއް ތަކުރާރު ކުރައްވައި "ދަ ޕްރެސް" ނޫހަށް ރައީސް ޔާމީން ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.
ރައީސް ޔާމީނަށް ހަވާލާދީ "ދަ ޕްރެސް" ގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ބަލި ގަބޫލުފުޅު ކުރައްވަން ދަތިފުޅު ކަމަށާއި، ކަންކަން ހިނގައި ދިޔަ ގޮތުން ރިޔާސީ އިންތިހާބުގެ ނަތީޖާވެސް ގަބޫލުފުޅު ކުރައްވަން ދަތިފުޅު ކަމަށް ރައީސް ޔާމީން ތަކުރާރު ކުރައްވައި ވިދާޅުވި ކަމަށެވެ.
ޔާމީން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓަކީ ރައްޔިތުންގެ ވޯޓުގެ ރެޕްރެޒެންޓޭޓިވް ވޯޓެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ގަބޫލު ކުރައްވާ ނަމަ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ހިއްޕަވައިގެން ސުޕްރީމް ކޯޓަށް ވަޑައި ނުގަންނަވާނެ ކަމަށް "ދަ ޕްރެސް" އަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، މައިގަނޑު ޝަކުވާ އަކީ އިންތިހާބުގެ ތެރޭގައި ހިނގައި ދިޔަ ނާޖާއިޒު އެތަކެއް ކަންތައް ތަކެއް ވަގުތުން ވަގުތަށް ހުށަހެޅޭނެ އެއްވެސް ޖާގައެއް ލިބިވަޑައި ނުގަތުން ކަމަށް ކޯޓަށް ވަޑައިގެން ވިދާޅުވި ކަމަށެވެ. އަދި އެ ޝަކުވާ ހުށަހެޅޭނެ ޖާގަ ލިބިވަޑައި ގަތީ އިންތިހާބު ނިމި ވަގުތީ ނަތީޖާ އިއުލާން ކޮށް ތިން ހަތަރު ދުވަސް ފަހުން ކަމަށް ވިދާޅުވި އެވެ. އަދި ކަންކަން ގޯސްކޮށް ހިނގައި ދިޔަ ކަށް އެނގިވަޑައިގެންނެވީ ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.
ވޯޓާ މެދު ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވީ ސްޓެޓިސްޓިކްސް ބަލައިފި ނަމަ ފެންނާނީ ހުރިހާ ރަށެއްގައި ހެން ވޯޓުތައް އެއްގޮތަކަށް ހުރިތަން ކަމަށެވެ. ސުވާލު އުފެދެނީ ކުޑަ ތެދިން ރަށަކުން މެޖޯރިޓީ ލިބިވަޑައިގެންނެވި ނަމަވެސް، ދެން ހުރި ރަށްރަށުން 50 ޕަސެންޓުވެސް ލިބިވަޑައި ނުގަތުމުން ކަމަށެވެ. އީސީ އަށް އަމާޒު ކުރައްވަމުން ޔާމީން ވިދާޅުވީ, ވަރަށް މޮޅަށް ވަރަށް ސައިންޓިފިކް ކޮށް ވޯޓުނަގާ މީހަކަށް ނޫނީ އެގޮތަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އިބްރާހިމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވާހަކައަކީ ކުރުވާހަކަ މުބާރާތުގައި ބައިވެރިކުރަން ރަނގަޅު ވާހަކައެއްކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި އީސީގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، ސިޔާސީ މަންފާ ހޯދުމަށް އިލެކްޝަންސް ކޮމިޝަން ބަދުނާމްވާގޮތަށް ބުހުތާނު ދޮގު ހެދުމަކީ ހިތާމަހުރިކަމެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓުތަކުގެ ނަތީޖާ އިއުލާން ކުރަނީ ރައްޔިތުން ވޯޓުދޭގޮތަށް ކަމަށާއި، އެކި އެކި ތަންތަނަށް އެއްވާ މީހުންގެ އަދައް ބަލައިގެންނޫން ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އެހެންކަމުން އީސީގެ މަސައްކަތާމެދު ރައްޔިތުންގެ ހިތްތައް ހަރާބުކުރަން މަސައްކަތް ނުކުރުމަށް ސިޔާސީ ފަރާތްތަކަށް އަކުރަމް ވަނީ ގޮވާލައްވައިފައެވެ.