ޚަބަރު

ޕީޖީ ވަކީލް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ މައްސަލައެއް ރައީސް ޔަމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް، ޕީޖީ ގެ ވަކީލާ އައިޝަތު މުހައްމަދު، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ މައްސަލައެއް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިކަން ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒް ވަނީ ''ވަން އޮންލައިން'' އަށް ކަށަވަރުކޮށްދީފައެވެ.

ސިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޖީ ވަކީލާ އައިޝަތުގެ ސުލޫކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލައެއްކަމަށެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒް ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ޔާމީންގެ މައްޗަށް ޝަރީއަތް ކުރެވެމުންދާ މައްސަލައިގެ ހެތްކެއްގެ ބަޔާން ބަދަލުކޮށް، ޔާމީން ނުފޫޒު ފޯރުވާކަމަށް ބުނެ ދޮގު މައުލޫމާތު ކޯޓުގައި ދިނުމުން ކަމަށެވެ.

ޝިޔާޒް ވިދާޅުވީ ވަކީލާ އައިޝަތު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި ވަކީލާއަށް އެކަމުގެ ހެއްކެއް ދެއްކިފައިނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ގާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމާއި ސަސްޕެންޑް ކުރުމާއި ގާނޫނީ ވަކީލުން ކަންކަން ކުރިއަށް ގެންދިމުގެ ބާރު މިހާރު ލިބިފައިވަނީ ބާ ކައުންސިލަށެވެ.