ޚަބަރު

ޖޭއެސްސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން މާނިއު އަށް ރިޔާޒް މަރުހަބާ ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

1

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ ގައި އިންނަވާނެ މެމްބަރަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމުން ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސައިން އަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ރިޔާޒް ވިދާޅުވީ އިންސާފުވެރި އަދި މިނިވަން ފަނޑިޔާރު ގެއެއް ދިވެހިންނަށާއި އިންވެސްޓަރުންނަށް ޔަގީން ކޮށްދިނުމުގައި ގައުމު އިސްކުރައްވައިގެން މާނިއު މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގައި މާނިއު ކާމިޔާބު ހޯއްދަވާފައި ވަނީ އިތުރު ހަތަރު ގާނޫނީ ވަކީލަކާއި ވާދަކޮށްގެން ވޯޓު ލީ ވަކީލުންގެ %50.13 ވޯޓު ހޯއްދަވައިގެންނެވެ.

ވޯޓު ލުމުގެ ހައްގު 1487 ގާނޫނީ ވަކީލުންނަށް ލިބިފަިއވާއިރު މި އިންތިހާބުގައި ވޯޓު ލާފައިވަނީ 404 ވަކީލުންނެވެ.

އެންމެ ފަހުން ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރެއްވީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ.

އޭނާ އެމަގާމަށް އިންތިހާބު ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ނަމަވެސް ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރެއްވި ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟