ޚަބަރު

އަށް އަހަރުކުރިން މަރާލި އަހުސަންގެ މަރުގެމައްސަލައިގެ އިސްތިއުނާފްއަޑުއެހުން ތިންއަހަރަށްފަހު ތާވަލްކޮށްފި

އިބްރާހިމް ޒަކީ

މީގެ އަށް އަހަރު ކުރިން 2011 ވަނަ އަހަރު މަރާލި، ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރުގެ މަރާ ގުޅިގެން ގ.ގޯޒީ އިބްރާހީމް ޝަހުމް އާދަމާއި މއ.ވީނަސް ތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރިތާ ތިން އަހަރަށްވުރެ ގިނަދުވަސް ފަހުން އަޑުއެހުމަކަށް ހައިކޯޓުން ތާވަލް ކޮށްފިއެެވެ.

ހައިކޯޓުން ބުނެފައިވަނީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ 1:15 އަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

ވަޅިން ހަމަލާދީ އަހުސަން ބަޝީރު މަރާލާފައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މެންދަމު 3:20 އެހާކަންހާއިރު އަލިކިލެގެފާނު މަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

މި މައްސަލައިގަ، ޝަހުމްގެ މައްޗަށް އުފުލީ، ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުންއުފުލި މިދައުވާގައި، ކްރިމިނަލް ކޯޓުން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އިއްވި ހުކުމްގައި ބުނެފައިވަނީ އެ ދައުވާ ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓު ކުރި އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރީވެސް ހުކުމަށް އަހަރަކަށްވުރެ ގިނަދުވަސް ވެފައިވަނިކޮށެވެ.

ޕީޖީ އޮފީހުން ހުށަހެޅި އެ މައްސަލަ ހައިކޯޓުން ބަލައިގެންފައިވަނީ، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.