ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ރިޝްވަތު މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފި އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމުގެ ބޭނުމުގައި ދާރާލާ ރޭވުނު ޕްލޭނެއްގެ ދަށުން ވަކި ބަޔަކު އެކުވެގެން އެބަޔަކަށް ލިބިފައިވާ އަދި ލިބެން އޮތް މަންފާގެ ބޭނުމުގައި، އަދި އެ މައްސަލައިގައި ހޯދިފައިވާ ފަދައިން އެ ފަރާތްތަކުން ހިފާފައިވާ ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރެފައިވާ އަމުރެއްކަން ސާފުވެފައިވާ ކަމަށެވެ.
އެ އަމުރަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތައް، އެ މުއައްސަސާތައް ހިނގަމުން އަންނަ އުސޫލުން ބޭރުން، އެ ތަންތަނުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން ހިންގާ އިންތިޒާމުކޮށްގެން ނެރެފައިވާ އަމުރެއް ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގެން އޮންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އިސްވެދެންނެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ގ. ރެހެންދި 1 ފްލެޓް ނަންބަރު ބީ-05 އަލީ ހަމީދު މުހައްމަދާއި، ސ. މީދޫ/ އަލިބިލާގެ (މއ. ޝާޒީބްލޫ) އަބްދުﷲ ސައީދު އަދި ދަފްތަރު 2271/ހ. ނިޝާންޕްލާޒާ ހަސަން ސައީދު ހުސައިން، މި ތިން މީހުންގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި، މ. މާފަންނުވިލާ/މ. ފުޅޮއި އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ރިޝްވަތުދިނުމުގެ ކުށުގެ ދައުވާ 18 މާޗް 2018 ދުވަހު މި އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. މި ދައުވާތައް މި ފަރާތްތަކުގެ މައްޗަށް މި އޮފީހުން ހުށަހެޅީ އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުން މަތިން ހުރުމާއެކު، މި ފަރާތްތަކުގެ މައްޗަށް މި ދެންނެވި ދައުވާތައް ކުރުމަށް އެކަށީގެންވާ ހެކި ލިބިފައި ހުރުމުންނެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި ތުހުމަތުކުރެވުނު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000 ރުފިޔާއާއި 3،300 ޑޮލަރު ފެނިފައިވާ ކަމަށެވެ.
އޭގެ އިތުރުން ހަސަން ސައީދުގެ ކޮޓަރި ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ވެސް ފެނިފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"މި ސިޓީގައިވާ އިބާރާތަށް ބަލާއިރު، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާއި އަދި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމުތަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން އެނގެން އޮވެއެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިލާ ޝިޕިންގްގެ ލިޔުމަށް ބަލައި، އެ ލިޔުމުގައި ބުނާ ފައިސާގެ މަންފާވެރިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަހްމަދު މިސްފިރުއަކާއި، އަބްދުﷲ ސައީދުއަކާއި، އާއިޝަތު ހަނާއެއް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުން އަހްމަދު މިސްފިރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ދަރިއެއްކަމާއި، އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އޭރު ހުންނެވި ބޭފުޅާ ކަމާއި، އާއިޝަތު ހަނާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި އޭރު ހުންނެވި ހަސަން ސައީދު ހުސައިންގެ ކުރީގެ އަނބިމީހާކަން އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ވިލާ ޝިޕިންގްގެ ލިޔުމުގައިވާ ސޮޔަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދުގެ ސޮއިކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވެފައިވާ އިރު، އެ ލިޔުމުން ސިޔާދުގެ އިނގިލީގެ ނިޝާން ވެސް ހޯދި، އެކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާ ކަމަށާއި ސިޔާދުގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން އަބްދުﷲ ސައީދާއި އަލީ ހަމީދު މުހައްމަދު އަދި ހަސަން ސައީދު ހުސައިން ތަފާތު އެކި ދުވަސްވަރު މި މައްސަލައިގައި ފާހަކުރެވިފައިވާ ގައުމުކަމުގައިވާ މެލޭޝިއާއަށް ދަތުރުކޮށްފައިވާ ކަމާއި، މެލޭޝިއާއިން މި ފަރާތްތައް ގަތުމަށް ބޭނުންވި ޕްރޮޕަޓީތައް ބަލަން ދިޔަ ކަމާއި، އެތަނުން އެ ޕްރޮޕަޓީތައް ގަތުމާ ގުޅޭގޮތުން އެކި ފަރާތްތަކާ މަޝްވަރާކޮށް ވާހަކަ ދައްކާފައިވާކަން އެނގެން އޮވެއެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި ޝަރުއީ ކޯޓުތަކުގެ ގާޒީންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކިވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް އެ ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެމްބަރުން ރިޝްވަރުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައިގައި ޕީޖީ އޮފީހުން ހުށަހެޅި ހެއްކާއި ގަރީނާއަށް ބަލާއިރު، އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ދެކޭ ކަމަށާއި ޝަރީއަތުގެ ނިންމުން މަތީ ކޯޓެއްގައި އިސްތިއުނާފްކުރި ނަމަވެސް، ނިންމުމަށް ބަދަލު އައިސްދާނެ ކަމަށް ނުފެންނާތީ އެ މައްސަލައިގައި ކްރިމިނަލް ނިންމި ނިންމުން އިސްތިއުނާފް ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.