އަމިއްލަ ފަރާތްތަކުގެ މުދާ، އެސްޓީއޯ ސުޕަމާކެޓްގައި ބަހައްޓައިގެން ވިއްކަން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ޕަބްލިކް ރިލޭޝަން އިސްމާއީލް ސޯދިގު ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ މުދާ، އެސްޓީއޯ ސުޕަމާކެޓްގައި ބަހައްޓައިގެން ވިއްކުމަށް އެދި ހުށަހެޅުމަށް އަދި ހުޅުވާލާފައި ނުވާ ކަމަށެވެ. މިކަން ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަސައްކަތް އަދި އޮތީ މީޑިއާއާ މައުލޫމާތު ހިއްސާކުރެވޭ ހިސާބެއްގައި ނޫން ކަމަށް ސޯދިގު ވިދާޅުވިއެވެ.
އެސްޓީއޯ އިން އަމިއްލަ ފަރާތްތަކުގެ މުދާ އެ ކުންފުނީގެ ސުޕަމާކެޓުގައި ބަހައްޓައިގެން ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހުސެއިން އަމްރު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީ މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިމަހު ތިނެއްގައި ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި އަމްރު ވަނީ އަމިއްލަ ފަރާތްތަކުގެ މުދާ އެސްޓީއޯ ސުޕަމާކެޓުން ވިއްކުމަށް އެދުމަށް އޭގެ ޖެހިގެން އަންނަ ހަފްތާގައި އިއުލާނު ކުރާނެ ކަމަށް ވިދާޅުވެފައެވެ.