އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ސިންގަލްސް އިވެންޓުން ދީމާއަށް ރަން މެޑަލް، ރަފާއަށް ރިހި މެޑަލް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އުންމީދީ ދެ ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް އިތުރު ދެ މެޑަލް ހޯދައިފިއެވެ.

އައިއޯއައިޖީގެ ޓީޓީ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ވެސް ދީމާ އާއި ރަފާއެވެ. ފައިނަލުން މޮޅުވެ ދީމާ ރަން މެޑަލް ހޯދި އިރު، ރަފާއަށް ވަނީ ރިހި މެޑަލް ލިބިފައެވެ.

އިއްޔެ ކުޅުނު ސިންގަލްސް ފައިނަލުގައި ރަފާ އަތުން ދީމާ މޮޅުވީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު 11-6 އިން ރަފާ ގެންދިޔަ ނަމަވެސް ޖެހިގެން އައި ހަތަރު ސެޓު ގެންދިޔައީ ދީމާއެވެ. އެ ސެޓުތައް ދީމާ ގެންދިޔައީ 7-11، 5-11، 7-11 އަދި 4-11 އިންނެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ އެންމެ ކާމިޔާބު ދެ އެތުލީޓުންނަކީ ދީމާ އާއި ރަފާއެވެ. ޑަބަލްސް އިވެންޓުން ދީމާ އާއި ރަފާ ރަން މެޑައްޔެއް ހޯދި އިރު، ޓީމު އިވެންޓުން ވެސް ވަނީ ރަން މެޑައްޔެއް ހޯދައިފައެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމްލަ 15 މެޑަލް ހޯދައިފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ހޯދި ހަތަރު ރަން މެޑަލް ފާހަގަކޮށްލެއެވެ. ޓީޓީ އިން ހޯދި ތިން ރަން މެޑަލްގެ އިތުރުން ދެން ހިމެނެނީ ބެޑެމިންޓަން އަންހެން ސިންގަލްސް އިވެންޓުން އާމިނަތު ނަބީހާ ހޯދި ރަން މެޑަލްއެވެ.