އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީގެ ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާނެ ކުޅުންތެރިއަކަށް ދީމާ

މިއަދު ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ރާއްޖެއަށް އައިއޯއައިޖީގައި އެންމެ ގިނަ ރަން މެޑަލް ހޯދައިދިން ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ދީފިއެވެ.

ރޭ މޮރިޝަސްގައި ކުރިއަށް ދިޔަ އުފާފާޅުކުރުމުގެ އިވެންޓެއްގެ ތެރެއިން 11 އަހަރުގެ ދީމާއާ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވަނީ ދިދަ ހަވާލު ކުރައްވާފައެވެ. މިއީ މިފަދަ ޝަރަފެއް މިހާ އުމުރުން ހަގު ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

އައިއޯއައިޖީގައި ދީމާ ވަނީ އިއްޔެ ކުރިއަށްދިޔަ ޓީޓީ ވިމަންސް ސިންގަލްގެ ފައިނަލް އިން ކާމިޔާބު ހޯދައި، ރަން މެޑަލް ހާސިލް ކޮށްފައެވެ. މީގެ އިތުރުން ޓީޓީ ވިމަންސް ޑަބަލް އިވެންޓްގައި ދީމާ އާދި އައިމިނަތު ރަފާގެ ޕެއާ ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި ޓީޓީގެ ޓީމް އިވެންޓުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމް ވަނީ ރަން މެޑަލް ހާސިލްކޮށްފައެވެ.

އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާފައިވަނީ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރު (ޒަބީ) އެވެ.

އައިއޯއައިޖީ ދެން ކުރިއަށް ދާނީ 2023ގައެވެ. އެގޮތުން މިއަދު ހަވީރު ކުރިއަށް ދިއުމަށް ހަމަޖައްސާފައިވާ އައިއޯއައިޖީ 2019ގެ ނިންމުމުގެ ރަސްމިއްޔާތުގައި 2023ގައި ގޭމްސް ބާއްވާ ގައުމުގެ ގޮތުން ރާއްޖެއާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުގެ ދިދަ ހަވާލު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. ރާއްޖޭގެ ފަރާތުން މި ދިދައާ ހަވާލުވެވަޑައިގަންނަވާނީ މިނިސްޓަރ މަހުލޫފެވެ.