ރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މާލޭ ސިޓީގެ މަގުތަކުގައި މިރޭ ފުޅަނދުބުރު ބާއްވައިފިއެވެ.
މި ފުޅަނދުބުރު ފަށާފައިވަނީ މިރޭ 8:30ގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި، ސަރުކާރުގެ ވަޒީރުންނާއި، އިސްވެރިން ވަނީ މިރޭގެ ފުޅަނދުބުރު ބައްލަވާލައްވައިފައެވެ.
މިރޭގެ ފުލަނދުބުރު ދަތުރުކޮށްފައިވަނީ މަޖީދީމަގު، ސޯސަންމަގު، އަމީރުއަހުމަދު މަގު، ބޮޑުތަކުރުފާނުމަގުންނެވެ.
މިރޭގެ ފުޅަނދުބުރަށްފަހު މާދަމާ ހަވީރާއި ރޭގަނޑު ފުޅަނދުތައް އާއްމުކޮށް ދައްކާލުން އޮންނާނެއެވެ.
ފުޅަނދުތަކުގައި ކުރިއަށްގެންދާ ކުޅިވަރުތަކާއެކު އާއްމުކޮށް ދައްކާލުން އޮންނާނީ މަލޭ އެކުވެނި ވެލި ދަނޑުގައެވެ.
ފުޅަނދުބުރުގެ ހަރަކާތްތައް ބަލާލުމަށް މިރޭ ގިނަ ބަޔަކު މަގުމައްޗަށް ނުކުމެފައިވެއެވެ. އޭގެ ތެރޭގައި އެކި އުމުރުފުރައިގެ މީހުން ހިމެނެއެވެ.
ގިނަ ބަޔަކު ދަނީ ފުޅަނދުބުރުތަކާއެކު ފޮޓޯ ނެގުމަށްފަހު މީސްމީޑިއާގައި ހިއްސާ ކުރަމުންނެވެ.