ޚަބަރު

ތިރީސް ބިލިއަން ރުފިޔާގެ ބަޖެޓަށް ވީގޮތް ސާފުކޮށްދޭން ޖެހޭ: ޝިޔާމް

ފަތޯނާ ފާއިޒު

3

މިއަހަރަށް ދައުލަތުން ކަނޑައެޅި 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް ވީ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ، އިންސާފުގެ ވާހަކަ ކޮންމެ ބަޔަކުވެސް ދައްކާ ކަމަށާއި، އެހެންނަމަވެސް ރައްޔިތުންނަށް އިންސާފު ލިބޭ ކަމާމެދު މިއަދުވެސް ސުވާލު އުފެދިފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިއަހަރަށް ފާސް ކުރި ބަޖެޓުގައި ވަކި ކުލައަކަށް ނުބަލައި، ކަންތައްތަކެއް ކުރަން ހަމަޖައްސާފައި ހުރުމުން އިދިކޮޅު ފަރާތްތަކުންވެސް ބަޖެޓަށް ވޯޓު ދިން ކަމަށެވެ.

އެހެންނަމަވެސް މީގެ ކުރިން، އެމްޑީޕީގެ މެމްބަރުން އޭރު އިދިކޮޅު މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން، ރައީސް އަބްދުﷲ ޔާމީންގެ ބަޖެޓުތަކަށް ވޯޓު ދެއްވާފައިނުވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ފާސްކުރީ 30 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް. ޖުލައި މަހާ ހަމައަށް އައިއިރު ބަޖެޓު ހުސްވެއްޖެ. ރައްޔިތުންނަށް ކޮން އިންސާފެއްތޯ މި ލިބުނީ؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަހަރަށް ދައުލަތުގެ ބަޖެޓު އެކުލަވާލީ މި ސަރުކާރުގެ ވެރިން ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ބަޖެޓެއް ކަމަށް ބުނާ ފަރާތްތަކުން އެދައްކަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތޭވީސް ސެޕްޓެމްބަރުގައި ވޯޓު ނެގީ. 24 ސެޕްޓެމްބަރުގައި މި ސަރުކާރުގެ ވެރިން އޮފީސްތަކަށް ވަދެއްޖެ. ނޮވެމްބަރު 17ގައި ހުވާކުރެއްވިއިރު، ޓްރާންސިޝަން ކޮމެޓީއަށް ހައްދަވައިގެން، އޭގެ ދެމަސްކުރިން މި ސަރުކާރުގެ ވެރިން މަސައްކަތް ފެށި" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ކުރިން 30 ބިލިއަން ރުފިޔާގެ ބަޖެޓަށް ވީގޮތް ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

އަދި ކުރީގެ ރައީސް ޔާމީނާ ކޮރަޕްޝަނާ ގުޅުވައިގެން ވާހަކަ ދައްކަމުން އަންނައިރު، މި ސަރުކާރުގެ ވަޒީރަކު އެކި ގައުމުތަކަށް ދަތުރުފުޅު ކުރައްވަން 100 މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށްވެސް އޭނާ ތުހުމަތު ކުިރެއްވިއެވެ.

"އެކި ގައުމުތަކަށް ދަތުރުފުޅު ކުރައްވަން 100 މިލިއަނަށް ވުރެ ގިނައިން ހަރަދު ކުރެއްވި ވާހަކަ އެއޮތީ. އެއީ ކިތައް ރަށުގެ ފެނާއި ނަރުދަމާތޯ؟" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާފުގެ ވާހަކަ ސަރުކާރުގެ ވެރިން އަބަދުވެސް ދައްކަވާ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދީ، ހިދުމަތް ދިނުމަކީވެސް އިންސާފުގެ ތެރެއިން އަންނަ ކަންތައްތައް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟