ޚަބަރު

ފަނަރަ އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން ވަކިކުރި ކުޅުންތެރިން އަލުން ޓްރެއިނިންގ ފަށަނީ

އާނިފާ ހުސެއިން ސިރާޖް

15 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުން ވަކިކުރި ކުޅުންތެރިން އަލުން ޓުރެއިނިންގ ފަށާނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ޓީމު އައްޑޫއިން އައުމާއެކު ވަކިކުރި ކުޅުންތެރިން އަލުން ޓީމާއެކު ޓުރެއިނިންގ ފަށާނެކަމަށް ބައްސާމު ވިދާޅުވެފައިވެއެވެ.

ބައްސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވަކިކުރި ކުޅުންތެރިންނަށް ނަސޭހަތްތެރިވެ ވާހަކަ ދައްކަވާފައިވާ ކަމަށާއި އިރާދަފުޅާއެކު އެކުދިން ދެން އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމަށެވެ.

ކުޅުންތެރިން ވަކިކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ގައުމީ ޒުވާން ފުޓުބޯޅަ ޓީމުގެ ބޭއަދަބީ ވީޑިއޯއަކާއި ގުޅިގެންނެވެ.

އެ ވީޑިއޯއާ ގުޅިގެން އެކުދިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.

އެފްއޭއެމްއިން ބުނީ އެފަދަ އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ކަންކަމަކީ އެފްއޭއެމްއިން ބަލައިގަންނާނެ ކަންކަން ނޫން ކަމަށެވެ.