ޚަބަރު

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް މާނިއު އިންތިހާބު ކޮށްފި

ފަތޯނާ ފާއިޒު

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމަށް އަބްދުލް މާނިއު ހުސައިން އިންތިހަބު ކޮށްފި އެވެ.

ވަކިލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ މެމްބަރު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އިންތިހާބުގައި 404 ވަކީލުން ވޯޓު ދެއްވާފައިވެއެވެ.

އޭގެ ތެރެއިން މާނިއުއަށް ލިބިވަޑައިގަތީ 199 ވޯޓެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލު އަލީ ރަޝީދަށް ލިބިވަޑައިގަތީ 124 ވޯޓެވެ.

އަދި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް 37 ވޯޓު ލިބިވަޑައިގެންނެވިއިރު ހަނީފާ ހާލިދަށް ލިބިވަޑައިގަތީ 27 ވޯޓެވެ.

އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި އަހުމަދު ނަޝީދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 1487 ވަކީލުންނަށެވެ.

އެންމެ ފަހުން ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރެއްވީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ.

އޭނާ އެމަގާމަށް އިންތިހާބު ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ނަމަވެސް ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރެއްވި ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފައެވެ.