ޚަބަރު

އަންހެން ކުޅުންތެރިން ރަން އަކުރުން ތާރީހު ލިޔެލައިފި: ޝީދާތާ

އާނިފާ ހުސެއިން ސިރާޖް

އަންހެން ކުޅުންތެރިން ރަން އަކުރުން ތާރީޚު ލިޔެ، ޒަމާންތަކަކަށް ދެމި އޮތް ބޯދާ ވިސްނުން ނިމުމަކަށް ގެނެސްފިކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސިންގަލްސް ޓީޓީ އިވެންޓުގެ ފައިނަލަށް ދީމާ އާއި ރަފާ ދަތުރުކޮށް، ބެޑްމިންޓަން ސިންގަލްސް އިން ނަބީހާ ރަން މެޑަލް ހޯދައި، ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ރިހި މެޑެލް ހޯދައިފިވާތީ އެކަން ފާހަގަކޮށެވެ.

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމުތަކަށް ވުރެ އަންހެން ޓީމުތަކުން ދައްކާފައިވާ ކުޅުން މާ ބޮޑަށްވެސް ރަނގަޅެވެ.

އަންހެން ޓީމުތަކުން ވަނީ ފަހުރުވެރިވާފަދަ ވަނަ ތަކެއް ރާއްޖެއަށް ހޯދައިދީ ތާރީހުގައި ލިޔެލައިފައެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓުގައި، ފުރުސަތު ގެއްލިފައިވާ އަންހެން ދަރިން ކުޅިވަރުގެ ދާއިރާއަށް ނެރެދެއްވުމަށް ބެލެނިވެރިންނާއި ޓީޗަރުން ބާރުއަޅުއްވައި ދެއްވުމަށް އެދި ދިވެހިރާއްޖޭގެ ޓީމަށް މަރުހަބާ ދަންނަވާފައި ވެއެވެ.