ޚަބަރު

ޖޭއެސްސީއަށް މެންބަރަކު ހޮވަން ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ހަތެއްޖަހާއިރު އިއުލާނު ކުރެވޭނެ

އާނިފާ ހުސެއިން ސިރާޖް

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް އައްޔަންކުރަން މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ 7:00 ގައި އިއުލާނު ކުރެވޭވަރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު، އެކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ، އިންތިހާބުގެ ވޯޓު ގުނުން މިހާރު ކުރިއަށްދާ ކަމަށެވެ.

ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު އިންތިހާބު ކުރުމަކީ ގާނޫނުން ބާ ކައުންސިލްގެ މައްޗަށް ލާޒިމް ކޮށް ފައިވާ ކަމެކެވެ.

ނަމަވެސް އެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބާ ކައުންސިލަށް އެހީތެރިވަމުންނެވެ.

އަކުރަމް ވިދާޅުވީ، މިރޭ ވަގުތީ ނަތީޖާ އިއުލާން ކުރެއްވުމަށްފަހު މާދަމާ ދާއިމީ ނަތީޖާ އިއުލާންކުރެވޭވަރު ވާނެ ކަމަށެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:00އިން ހަވީރު 5:00 އަށެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 1487 ވަކީލުންނަށެވެ.

މިއަދުގެ އިންތިހާބުގައި ތިން ސަރަހައްދެއްގައި ވޯޓު ފޮށި ބެހެއްޓިއެވެ. އެއީ މާލޭގައި ބަހައްޓާފައިވާ ދެ ވޯޓު ފޮއްޓާއި، އައްޑޫ ސިޓީގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެކެވެ.

އެންމެ ފަހުން ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރެއްވީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ. އޭނާ އެމަގާމަށް އިންތިހާބު ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ނަމަވެސް ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރެއްވި ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފައެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ އަލީ ރަޝީދާއި އަބްދުލްމާނިއު ހުސައިނާއި އަހުމަދު ރަޝީދު ހުސައިނާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި ހަނީފާ ހާލިދުގެ އިތުރުން ޖޭއެސްސީގައި މިހާރު އާންމުންގެ މެމްބަރެއްގެ ގޮތުގައި އިންނަވާ އަބްދުލްހަންނާނު އަހުމަދެވެ.