ހައްޖާޖީންގެ ފޯނު ތަކުގައި ޓްރެކިންގ އެޕް ބޭނުންކުރުމަށް ސައޫދީގައި ހުންނަ ދިވެހި އެމްބަސީން، ހައްޖަށް މީހުން ގެންދާ ގްރޫޕްތަކާއި ކުންފުނިތަކަށް އިލްތިމާސްކޮށްފިއެވެ.
އެމްބަސީއިން މިގޮތަށް އިލްތިމާސްކުރީ ކޮންމެ އަހަރަކުވެސް ހައްޖު މޫސުމުގައި ބައެއް ދިވެހިން ގެއްލިގެން ހޯދަން ޖެހޭތީ، އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމަށެވެ.
ހައްޖާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ޓީމެއް ޖިއްދާ އަދި މައްކާގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް އެމްބަސީން ބުނެއެވެ.
އަދި ދިމާވާ ކޮންސިއުލަރ އިމަރޖަންސީ ތަކުގައި އެމްބަސީއިން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށްވެސް ވަނީ ބުނެފައެވެ.
އެހެން އަހަރުތަކަށް ވުރެ ރަނގަޅަށް މިއަހަރު މީހުން ހައްޖަށް ގެންދިޔަ ގްރޫޕްތަކުން އިންތިޒާމްތައް ހަމަޖައްސަމުންދާކަން ސައުތު އީސްޓް އޭޝިޔާގެ ހައްޖު މުއައްސަސާއިން ވަނީ ފާހަގަ ކުރައްވައިފައެވެ.