ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމާ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ގުޅިވަޑައިގަތުމަކީ އެމަނިކުފާނުގެ ރީތި އަހުލާގު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު ޖަމީލަށް ތައުރީފު ކުރައްވައިފިއެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު، ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި ޑރ.ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާ ޖަމީލު ގުޅިވަޑައިގަތުމުން، އިންސާފަށް މަސައްކަތް ކުރެއްވުމުގައި ޖަމީލު ގެންގުޅުއްވަނީ ސިޔާސީ ވިސްނުމަށް ވުރެ އަދުލުވެރިކަމުގެ ހަމަތައްކަން ހާމަކޮށްދޭ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހެއް ޖަމީލުގެ ހިތްޕުޅުގައި ނުވާކަން ވެސް ހާމަވާ ކަމަށް ޝަހީމު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.
ޔާމީންގެ ސިޔާސީ ހަތުރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ޖަމީލު ވިދާޅުވީ، ޔާމީންގެ ވަކީލުންގެ ޓީމާ ގުޅިވަޑައިގަތުމަށް ނިންމެވީ، އެމަނިކުފާނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ކަމަށެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމާ ގުޅިވަޑައިގެންނެވި ޖަމީލަކީ، ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްގެ މަޤާމުން ދުރުކުރެއްވި ފަހުން، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ.
އެގޮތުން، ރައީސް ޔާމީން އަކީ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތް ވެރިއެއްގެ ގޮތުގައި ޖަމީލު ސިފަ ކުރައްވާފައިވެއެވެ.