މަނީ ލޯންޑާ ކުރުމުގެ ކުށުގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް މިހާރު ކުރަމުންދާ ޝަަރީއަތް ނުކުރަން ނޭދޭ ކަމަށާއި، އެދޭހާވެސް ކަމަކީ އިންސާފުވެރި ކަމާއި އަދުވެރިކަން ކުރިއަށް ނެރުން ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބުނެފިއެވެ.
އެ ދެެޕާޓީ ގުޅިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބު ލީޑަރު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔަމީންގެ ވެރިކަން ނިމި އަހަރަކަށްވުރެވެސް ގިނަ ދުވަސް ފަހުން މިދައުވާ ކުރަން ފެށުމަކީ އެކަމުގައި ސިޔާސީ ކުލަ ޖެހިފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.
ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުނުތަނުންވެސް އެ ދައުވާ ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމި އަހަރަކަށްވުރެ ގިނަދުސް ފާއިތުވިފަހުން މިފަދަ ޝަރިއަތެއްގައި ދައުވާ ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އާއި އޭސީސީއަށް އިޝާރަތް ކުރައްވައި ސައީދު ވިދާޅުވީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި އޭރުވެސް ތިއްބެވި އިސް ބޭފުޅުން އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މި މައްސަލަ ޝަރީއަތަށް ހުށަހެޅުމުން، އެބޭފުޅުން ސަރުކާރާއެކު ޑީލްއެއް ހަދާފައިވާކަަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.
ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު ކޯޓުގެ ބެންޗް އެކުލަވައިނުލާކަން ސައީދު ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ބެންޗެއްނެތި މައްސަލަ ބަލާތީ ކަންބޮޑުވާކަމަށެވެ.
މަނީ ލޯންޑާ ކުރުމުގެ ކުށުގައި، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތެއް މިމަހު 21 ގައި ބާއްވާފައިވާއިރު، އެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.
އެދުވަގެ ޝަރީއަތް ނިންމަވައިލައްވަމުން އިސް ގާޒީ ވިދާޅުވީ، މި ޝަރީއަތުގެ އިތުރު އަޑުއެހުމެއް އަންނަ މަހުގެ 4 ގައި ބާއްވަވާނެ ކަމަށެވެ.