ޚަބަރު

މިނިވަން ދުވަހާއި ގުޅިގެން ނިހާންގެ ތައުރީފު މައުމޫނާއި ޔާމީނަށް

ފަތޯނާ ފާއިޒު

ރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރިގެންދާއިރު، ދުރުވިސްނޭ ވެރިން މިގައުމަށް ގެނެސްދިން ތަރައްގީ ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހުޅުމާލެ ފޭސް އެކެއް ތަރައްގީ ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަމަށެވެ.

އަދި ހުޅުމާލެ ފޭސް ދޭކާއި، ސިނަމާލެ ބްރިޖާއިި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކޮށްދެއްވާ، ބޮޑު ކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ނިހާން، ކުރީގެ ރައީސް މައުމޫނަށް ތައުރީފު ކުރައްވާފައިވާއިރު، ރައީސް ޔާމީނާއި ރައީސް މައުމޫނާއި ދެމެދު މައްސަލަ ޖެހި، އެ ދެބޭފުޅުންގެ ގުޅުން ގޯސްވުމާއެކު ނިހާން ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައެވެ.

އަދި އެއަށްފަހު އޭނާ ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް މައުމޫނަށް ފާޑު ވިދާޅުވެފައެވެ.