ސިމްޑީ ގުރޫޕުގެ ވެރިޔާ އިބްރާހީމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) އާއި އޭނާގެ އަނބިކަނބަލުން ޑރ މަރިޔަމް ޝަކީލާ އަވަހާރަކޮށްލަން ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށް ޑރ. ޑީޑީ ވިދާޅުވެއްޖެ އެވެ.
ސިމްޑީ ޑީޑީ މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރީން އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި ޑީޑީ ވަނީ އޭނާ އާއި ރައީސް ޔާމީނާ ދެމެދު ކުރެއްވި މެސެޖު މުއާމަލާތްތަކެއް ކަމަށް ވިދާޅުވެ ސްކްރީން ޝޮޓް ތަކެއް ވެސް ޝެއާ ކުރައްވައިފަ އެވެ.
ޑީޑީ ޝެއާކުރައްވާފައިވާ އެއް ސްކްރީން ޝޮޓުގައި އޭނާ ރައީސް ޔާމީނަށް ވިދާޅުވެފައި ވަނީ، "ތިބޭފުޅާ އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން މަރައިލަން މަސައްކަތް ކުރެއްވި ކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެން އަދިވެސް މިތިބީ ދިރި" ކަމަށެވެ. އަދި ރައީސް ޔާމީނަށް މިއަދު ކުރިމަތިވެފައިވާ ހާލަތުން އުފާވެރިކަން ލިބިވަޑައިގަންނަވާ ކަމަށް ޑީޑީ ވިދާޅުވެފައިވެ އެވެ.
އޭގެ ޖަވާބުގައި ރައީސް ޔާމީން ފޮނުއްވި މެސެޖެއް ކަމަށް ވިދާޅުވެ ޑީޑީ ޝެއާކުރައްވާފައިވާ މެސެޖުގައި ވަނީ "ތިބޭފުޅާ ތިހުންނެވީ މޮޔަފުޅު ވެފައި ކަމަށާއި އަޅުގަނޑަކީ ތިޔަ ފަދަ ކުށްތައް ކުރާ މީހެއް ނޫން" ކަމަށެވެ.
މަނިކުފާނަކީ މި ބިންމަތީގައި ހުރި އެންމެ ބޮޑު ކުށްވެރިޔާ. މަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ބަލަމުން މި ގެންދަނީ ނުހަނު ޝައުގުވެރިކަމާ އެކު،" ޑީޑީ ޝެއާކުރެއްވި އެހެން މެސެޖެއްގައިވެ އެވެ.
މި ކަމާ ގުޅިގެން ޑީޑީ އާ "ވަން އޮންލައިން" އިން ސުވާލު ދެންނެވުމުން ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން ޝަކީލާ އަވަހާރަކޮށްލަން ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
"ވެރިކަމަށް ވަޑައިގެންފަ ޔާމީން ފުރަތަމަ ހަތް ދުވަސް ތެރޭ ކުރެއްވި ކަމަކީ އަހަރެންގެ ހުރިހާ ޕްރޮޖެކްޓްތައް ހުއްޓުވައިލީ. އޭރު އަޅުގަނޑު ދިޔައީ ފަސް ތަރީގެ ތިން ރިސޯޓާއި ޑޮމެސްޓިކް އެއާޕޯޓެއްގެ މަސައްކަތް ކުރަމުން. އެ ހުރިހާ ކަމެއް އެއްކޮށް ބްލޮކްކޮށްލީ. އެކަމަކު އަހަރެން މިހާތަނަށް ވެސް މަޑުން މި ހުރީ ރައީސަކާ ޖެހިނުގަންނަން ވެގެން." ޑީޑީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަމަ އެދުވަސް ވަރު ވިޔަފާރީގެ ޑީލް އެއްގައި ކަމަށް ބުނެ އޭނާ ޗައިނާގެ ޔޮޓަކަށް ގެންދަން ދިވެއްސަކު މެދުވެރިވެގެން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެ ބަޔަކާ ބައްދަލުކުރަން އެ ގޮތަށް ވަޑައިނުގަންނަވާ ކަމަށެވެ.
"ޗައިނާގެ ވަރަށް ވެސް ބޮޑު އިންވެސްޓްމެންޓެކޭ ކިޔާފަ މި ގުޅަނީ. ބައްދަލުކުރަން އެދެނީ ކޮންމެވެސް ތަނެއްގައި އޮންނަ ޗައިނާގެ ޔޮޓެއްގައި. އޮފީހުގައި ބައްދަލުވާން އެދި އެދި އެގޮތެއް ބޭނުމެއް ނުވި." ޑީޑީ އިތުރަށް ވިދާޅުވި އެވެ.