ޚަބަރު

ޕީސީބީ މެމްބަރުންނަށް ރުހުން ނުދޭކަން ފާހަގަކޮށް، އަލުން ބޯޑު އެކުލަވާލަން މަޖިލީހުން ރައީސަށް ދަންނަވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެމްބަރުންނަށް މަޖިލީހުގެ ރުހުންދީފައިނުވާކަން ފާހަގަކޮށް، އެ ބޯޑަށް އަލުން މެންބަރުން އައްޔަންކުރައްވައި މަޖިލީހުގެ ރުހުންހޯއްދަވަން ފޮނުއްވެެވުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

މިގޮތަށް ނިންމައި އެކަން ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވަން މަޖިލީހުން ފާސްކޮށްފައި ވަނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާ ކުރެވިފައިވާ މިންވަރު މުރާޖައާކޮށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިދިޔަ ބުދަ ދުވަހު ފާސްކުރި އެ ކޮމިޓީގެ ރިޕޯޓްގައި ހިމަނައިގެންނެވެ.

ޕީސީބީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށްގެންނާއެކު، އެ ކޮމިޓީން ބެލި ބެލުމުން ކޮމިޓީއަށް ފާހަގަކުރެވޭ 12 ކަމެއް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި 2014 ވަނަ އަހަރުގެ ޖެނުވަރީ 26 ގައި ޕީސީބީގެ ބޯޑް ރައީސުލް ޖުމްހޫރިއްޔާ ފުރަތަމަ އެކުލަވާލައި، އެ ބޯޑުގެ 4 އަހަރުގެ ދައުރުނިމި 29 ޖެނުއަރީ 2018 ގައި ދެވަނަ ފަހަރަށް އަލުން ބޯޑު އެކުލަވާލި ނަމަވެސް (ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯ ޕްރަވެޓައިސް ކުރުމާއި އަދި މޮނިޓާކޮށް އިވެލުވޭޓް ކުރުމުގެ ގާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ ރުހުން ހޯދާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި އެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން ބޯޑު އެކުލެވިގެންވާނީ ރައީސާއި ނާއިބު ރައީސާއެކު ރައީސުލް ޖުމްހުފިއްޔާ އައްޔަންކުރާ ޖުމްލަ 7 މެންބަރުންގެ މައްޗަށް ކަމަށްވީ ނަމަވެސް 2018 ޖެނުއަރީ 29 ގައި ރައީސުލް ޖުމްހޫރިއްޔާ ބޯޑް އެކުލަވާ ލެއްވިއިރު ބޯޑުގެ ރައީސާއެކު އައްޔަންކުރައްވާފައިވަނީ ފަސް މެންބަރުން ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެބޯޑުން ގާނޫނާ އެއްގޮތަށް ކޮށްފައިނުވާ ކަންކަން ފާހަގަކޮށް، ގާނޫނުން ބޯޑުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އާދާނުކުރެއްވުމާއި، އިދާރީގޮތުން ހިންގަންޖެހޭ ކަންކަން ނުކުރުމާއި އަދި ގާނޫނު އޭގެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވެމުން ނުދާކަން ވެސް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

"އެހެންކަމުން (ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯ ޕްރަވެޓައިސް ކުރުމާއި އަދި މޮނިޓާކޮށް އިވެލުވޭޓް ކުރުމުގެ ގާނޫނު)ގެ ދަށުން އުފައްދާފައިވާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕްރަވަޓައިޒޭޝަން ބޯޑުގެ ގާނޫނީ ޒިންމާ އަދާކުރެވިފައިވާ މިންވަރު ރިވިއު ކުރުމާގުޅޭގޮތުން ކޮމިޓީން މަޝްވަރާ ކުރެއްވުމަށްފަހު، ކޮމިޓީގައި އެވަގުތު ތިއްބެވި 7 މެންބަރުންގެ އިއްތިފާގުން ނިންމެވީ، އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެމަތިން ބޯޑު މެންބަރުން ވަކިކުރުމަށްފަހު އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި ނުވަވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ، އެ ބޯޑަށް އަލުން މެންބަރުން އައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ދެންނެވުމަށެެވެ." ކޮމިޓީން ފޮނުވައިގެން މަޖިލީހުން ފާސްކުރި ރިޕޯޓްގައި ބުނެފައިވެއެވެ.