ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް އައްޔަނު ކުރާ ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 1487 ވަކީލުންނަށެވެ.
މިއަދު ހެނދުނު 9:00ގައި އިންތިހާބުގެ ވޯޓުލުން ފަށާފައިވާއިރު، ހަވީރު 5:00އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މިއަދުގެ އިންތިހާބުގައި ތިން ސަރަހައްދެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
އެއީ މާލޭގައި ބަހައްޓާފައިވާ ދެ ވޯޓު ފޮއްޓާއި، އައްޑޫ ސިޓީގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެކެވެ.
މާލޭގައި ބަހައްޓާފައިވާ ދެ ފޮއްޓަށް ވޯޓު ލުމަށް 1478 ވަކީލުން ރަޖިސްޓްރީ ކޮށްފައި ވާއިރު، އައްޑޫ ސިޓީގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓު ލާނީ ނުވަ ވަކީލުންނެވެ.
ޖޭއެސްސީގެ އިންތިހާބުގައި ވާދަކުރައްވާ ހަ ވަކީލުންނަކީ ދ.ރިނބުދޫ، ކުންނާރުގެ، އަލީ ރަޝީދާއި، ހއ.އިހަވަންދޫ، އަންބަރީގެ އަބްދުލްމާނިއު ހުސައިނާއި، ދަފްތަރު ނަންބަރު 1890 ، އަހްމަދު ނަޝީދު ހުސައިނާއި، ލ.މާވަށް، މާޒީ، އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި، ހއ.ކެލާ، އަނބުގަސްދޮށުގެ މަރްޔަމް ހަނީފާ ހާލިދާއި، މާލެ، ގ.އަސްމަހި އަބްދުލްހަންނާން އަހްމަދުއެވެ.
އެންމެ ފަހުން ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރެއްވީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ. އޭނާ އެމަގާމަށް އިންތިހާބު ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ނަމަވެސް ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރެއްވި ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފައެވެ.