ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޑުބާއީގެ ބުރުޖް ހަލީފާގައި ދިވެހި ދިދަ ޕްރޮޖެކްޓް ކުރުމުން ރަމްޒުކޮށްދެނީ ޔޫއޭއީ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމަށާއި ދިދަ ޕްރޮޖެކްޓް ކުރުމަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ބުރުޖް ހަލީފާގައި ދިވެހި ދިދަ ޕްރޮޖެކްޓް ކޮށްފައިވަނީ ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު “ވަން އޮންލައިން”އަށް ވިދާޅުވީ އެކަމަށް އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށެވެ.
“ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޑުބާއީގެ ބުރުޖް ހަލީފާގައި ދިވެހި ދިދަ ޕްރޮޖެކްޓްކުރުމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގާތް ގުޅުން. މިކަމަށް އެއްވެސް ހަރަދެއް ދިވެހި ސަރުކާރުން ކޮށްފައެއް ނުވޭ،” މިއުވާން ވިދާޅުވިއެވެ.
އެކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރަމްޒުކޮށްދޭ ކަމެއް ކަމުން، ބުރުޖް ހަލީފާގެ ވެރިފަރާތް ކަމަށްވާ ޔޫއޭއީގެ އިމާރް ގްރޫޕަށް ޝުކުރު އަދާކޮށް ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން ވަނީ މިރޭ ޓްވީޓްވެސް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފޮރިން މިނިސްޓަރ ޝާހިދު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެވަނައަށް ވަޑައިގަތް ގައުމަކީ ޔޫއޭއީ އެވެ. އަދި އެ ދަތުރުފުޅުގައި ދިވެހިންނަށް ވިސާއާ ނުލައި ޔޫއޭއީއަށް ދަތުރުކުރެވޭނެކަން އިއުލާންކުރެވިގެން ވެސް ދިޔައެވެ.