ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައްލަވައިލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަރު ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލައްވައިފިއެވެ.

54 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ރަސްމީ ދަނޑުގައި ބޭއްވެވި ހެވިކަމާއި، ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމްތައް، ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީ ދަނޑަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިގުބާލު ކުރެއްވީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މިރޭ ބޭއްވި ކުޅިވަރު ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ގައުމީ ސަލާމް ކުޅުނެވެ. އޭގެފަހުން، ކުރިއަށްދިޔަ ދިވެހި ސިފައިންގެ ލަޝްކަރިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

މިރޭ ބޭއްވި ކުޅިވަރު ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ޝަމްސަދާ ވެސް ރަސްމީ ދަނޑަށް ވަޑައިގެންނެވިއެވެ.

މިރޭ ހުށަހަޅައިދިން ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވަނީ ފަލާހު ޕްރީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މުހުޔިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ރެހެންދި ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ސިފައިންގެ ހުނަރުތައް ދައްކައިލުމާއެކު، މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މާދަމާރޭ ފުޅަނދުބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިވަން ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުންނެވެ.