ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރު ހަރަކާތްތައް މިރޭ ގަލޮޅު ދަނޑުގައި ބާއްވައިފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނެވެ.
މިރޭގެ ކުޅިވަރު ހަރަކާތްތަކުގައި ސުކޫލުތަކުގެ ދަރިވަރުންނާއި ސިފައިންގެ ފަރާތުން ހިތްގައިމު ހަރަކާތްތަކެއް ގެނެސްދީފައި ވެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ އައިޓަމްތައް ހުށަހަޅައިދީފައިވަނީ ސުކޫލުތަކުގެ ދަރިވަރުންނެވެ.
މިރޭގެ އައިޓަމްތަކުގައި ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ފަރި ހަރަކާތްތަކާއި ގައުމީ ލަވަތަކަށް ދަރިވަރުންގެ ފަރާތުން ފަރި ހަރަކާތްތަކެއް ހުށަހަޅައިދިނެވެ.
މިރޭގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި ބޭރުގެ ބައެއް ގައުމުތަކުގެ ސަފީރުން ވަޑައިގަތެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ކުޅިވަރުތައް މިރޭ ގަލޮޅު ދަނޑުގައި ބާއްވައިފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ސިފައިންގެ ހުނަރުތައް ދައްކައިލުމާއެކު، މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މާދަމާރޭ ފުޅަނދުބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިވަން ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުންނެވެ.