އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ރިހި މެޑެލް ހޯދައިފިއެވެ.
މިއަދު ކުޅުނު ފައިނަލް މެޗުގައި މޮރިޝަސްގެ ޕެއާ އަތުން ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ބަލިވެފައެވެ. އެ އިވެންޓުން ރަން މެޑެލް ހޯދީ ފައިނަލް މެޗުން މޮޅުވި މޮރިޝަސްގެ ޕެއާއެވެ.
ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުގައި ނަބީހާ އާއި ނަބާހާގެ ޕެއާ އަތުން މޮރިޝަސްގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މޮރިޝަސްގެ ޕެއާ ސެޓުތައް ގެންދިޔައީ 18-21 އަދި 21-23 އިންނެވެ. އެ މެޗުގައި ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ވާދަވެރި ކުޅުމެއް ދައްކައިފައެވެ.
މިއަހަރުގެ އައިއޯއައިޖީގައި ބެޑްމިންޓަން އިން ރާއްޖެ ވަނީ ފަސް މެޑެލް ހޯދައިފައެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތެއްގެ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ ފަހަރަށް ރާއްޖެއިން ހޯދި ރަން މެޑެލް ފާހަގަކޮށްލެވެއެވެ. އަންހެން ސިންގަލްސް އިވެންޓުން މިއަދު ނަބީހާ ރަން މެޑެއްޔެއް ހޯދި އިރު، މީގެ ކުރިން އަންހެން އަދި ފިރިހެން ޓީމު ވަނީ ޓީމް އިވެންޓުގެ ލޯ މެޑެއްޔެއް ހޯދައިފައެވެ. އޭގެ އިތުރުން އިއްޔެ މުހައްމަދު އަޖުފާނާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑެއްޔެއް ހޯދައިފައެވެ.
ރާއްޖެއިން ވަނީ މިއަހަރުގެ އައިއޯއައިޖީގައި މިހާތަނަށް ޖުމްލަ ތިން ރަން މެޑެލް ހޯދައިފައެވެ. ނަބީހާގެ ރަން މެޑެލްގެ އިތުރުން ޓޭބަލް ޓެނިސް އަންހެން ޓީމު އިވެންޓުން ރާއްޖޭގެ ޓީމު ވަނީ ރަން މެޑެއްޔެއް ހޯދައިފައެވެ. އޭގެ އިތުރުން ޓީޓީ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ ވަނީ ރަން މެޑެއްޔެއް ހޯދައިފައެވެ. މިއަހަރުގެ ގޭމްސްގައި މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 13 މެޑެލް ލިބިފައެވެ.