ޚަބަރު

މިނިވަންކަން ގެއްލިދާ ފަދަ އިހުސާސްކުރަން ޖެހުމަކީ ނުރައްކާތެރި ސިގްނަލެއް: އިދިކޮޅު ކޯލިޝަން

މަރިޔަމް ޝަހުދާ

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފަހަގަކުރަމުންދާއިރު މިނިވަންކަން ގެއްލިދާފަދަ އިހުސާސްކުރަން ޖެހުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށް ސަރުކާރާ އިދިކޮޅު ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މަންފާއަކަށް ގައުމުގެ މިނިވަންކަމުގެ އިންތައް ހުރަސްކުރަން ފަށައިފިނަމަ ނޭނގި ތިއްބައި މިނިވަންކަމުގެ ފޮނި މީރުކަން ގެއްލިދާނެ ކަމަށެވެ. އަދި ދިވެހި ގައުމު ހިންގަނެ ގޮތަކާއި ގައުމުގެ އިގްތިސާދީ ކަންކަން ބައްޓަން ކުރާނެ ގޮތް އެނގޭނީ ދިވެހިންނަށް ކަމަށާއި މިއީ ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނުވާނެ ކަންކަން ކަމަށް މި ބަޔާނުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރަންވާނީ ރާއްޖޭގެ މިނިވަންކަމަށް އެއްވެސް މިންވަރެއްގެ ބުރުލެއް ނާރާނެ ގޮތަކަށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފާހަގަކުރެއެވެ. އަދި މިކަމަށް ފަރުވާ ކުޑަކުރުމީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ. އެ ކޯލިޝަނުން ވަނީ އަމިއްލަ އަދި ސިޔާސީ އެދުންތަކަށް މިނިވަންކަމުގެ އިންތަކާއި މިންތައް ހުރަސް ނުކުރުމަށް ގޮވާލާފައެވެ. އަފި ގައުމުގައި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ އިތުރަށް ގައުމު ކުރިއަށް ގެންދިއުމުގައި ބޭރުގެ އެކި ޕްރެޝަރުތަކަށް ދޫނުދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލާފައިވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ލޮބުވެތި ހުރިހާ ދިވެހިންނަށް ފޮނުވައިފައެވެ.