އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން ރާއްޖޭގެ އާމިނަތު ނަބީހާ ރަން މެޑެލް ހޯދައިފިއެވެ.
ނަބީހާ ރަން މެޑެލް ހޯދާފައިވަނީ މިއަދު ކުޅުނު ފައިނަލުގައި ސީޝެލްސްގެ ކެމީލް އެލިސެން ބަލިކޮށްގެންނެވެ. މިއީ ބެޑްމިންޓަން އިވެންޓަކުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރެވެ. މިއަހަރުގެ އައިއޯއައިޖީގެ އަންހެން ޑަބަލްސް އިވެންޓުން ވެސް ރާއްޖެއަށް ރަން މެޑެލް ލިބުމުގެ ފުރުސަތު ބޮޑެވެ.
މިއަދު ކުޅުނު ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލުން ނަބީހާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ނަބީހާ ސެޓުތައް ގެންދިޔައީ 21-14 އަދި 21-10 އިންނެވެ.
މިއަދު ނަބީހާ، އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ވެސް ވާދަކުރާނެއެވެ. އެ އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ނުކުންނަން ޖެހޭނީ މޮރިޝަސްގެ ޕެއާއާ ދެކޮޅަށެވެ.
މިއަހަރުގެ އައިއޯއިޖީގައި މީގެ ކުރިން ބެޑްމިންޓަންގައި ރާއްޖެއިން ވަނީ ތިން މެޑެލް ހޯދައިފައެވެ. ޓީމު އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވެސް ލޯ މެޑެލް ހޯދި އިރު، މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ މުހައްމަދު އަޖުފާނާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ލޯ މެޑެލް ހޯދައިފައެވެ.
ކުރިއަށްއޮތް އަންހެން ޑަބަލްސް ފައިނަލުގައި ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް، ރާއްޖެއަށް ރިހި މެޑެލް ނުވަތަ ރަން މެޑެލް ލިބިގެންދާނެއެވެ. އެހެންކަމުން މިއަދުގެ ނިޔަލަށް ބެޑްމިންޓަންގައި ރާއްޖެއިން ޖުމްލަ ފަސް މެޑެލް ހަމަކުރާނެއެވެ.
ނަބީހާ ހޯދި ރަން މެޑެއްޔާއެކު ރާއްޖެއިން ވަނީ މިއަހަރުގެ އައިއޯއައިޖީގައި މިހާތަނަށް ޖުމްލަ ތިން ރަން މެޑެލް ހޯދައިފައެވެ. ނަބީހާގެ ރަން މެޑެލްގެ އިތުރުން ޓޭބަލް ޓެނިސް އަންހެން ޓީމު އިވެންޓުން ރާއްޖޭގެ ޓީމު ވަނީ ރަން މެޑެއްޔެއް ހޯދައިފައެވެ. އޭގެ އިތުރުން ޓީޓީ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ ވަނީ ރަން މެޑެއްޔެއް ހޯދައިފައެވެ. މިއަހަރުގެ ގޭމްސްގައި މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 13 މެޑެލް ލިބިފައެވެ.