ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވަގުތީ މަންފާއަކަށްޓަކައި ދިވެހި ފަސްގަނޑުގެ ކުޑަ ތަންކޮޅެއްވެސް، ބޭރު ބަޔަކަށް ދޫކޮށެއް ނުލާނަން: ރައީސް

ވަގުތީ މަންފާއަކަށްޓަކައި މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބަޔަކަށް ދޫކޮށްނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިޠާބުގައި ވިދާޅުވީ މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށްވުރެ، މި ޖަޒީރާތަކުގެ ގަދަރާއި ކަރާމާތް މާ މަތިވެރި ކަމަށެވެ.

މިނިވަންކަމުގެ ހަގީގީ މަގުސަދަކަށް ވާންވާނީ، ތަރައްގީގެ ހުރިހާ މައިދާންތަކެއްގައި ކުރިއެރުންތައް ހޯދައި، އިގުތިޞާދީ ފުދުންތެރިކަމާއި މިނިވަންކަން ހާސިލުކުރުން. ތަރައްގީއަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހިފައިވާ މަސައްކަތްތައް ވަރަށް ގިނަ. ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް އެހާމެ ގިނަ. ރާއްޖެ ތަރައްގީ ކުރަން ކިތަންމެ ބޭނުންވިޔަސް، ވަގުތީ މަންފާއަކަށްޓަކައި، މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބަޔަކަށް ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށްވުރެ މި ޖަޒީރާތަކުގެ ގަދަރާއި ކަރާމާތް، އަޅުގަނޑުމެންގެ ކުރިމަތީގައި މާ މަތިވެރި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހާރިޖީ އަދި ސިޔާސީ މިނިވަންކަން ދަމަހައްޓައިދޭ މޭސްތިރިންނަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ކަމަށާއި އެހެންކަމުން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ އަޑު އުފުލައިދިނުމަށް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކަށް ހުރަސްއެޅޭގޮތަށް ހުރި ގާނޫނުތަކާއި އުސޫލުތައް އުވާލައި، އެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހާރިޖީ ސިޔާސަތުގައި އަޅުގަނޑުމެންނަކީ ގައުމުތަކާއެކު ގުޅުން ބަދަހިކުރާ ބައެއް. ހަތުރުވެރިކަމެއްނެތި، މިތުރުވެރިކަން އިސްކޮށް އާލާކުރާ ގައުމެއް. ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިޔާމަތްކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރެސީގެ ހަމަތަކާއި އަގުތައް ނަގަހައްޓައި، މޫސުމީ ބަދަލުތަކަށާއި ތިމާވެށީގެ ހިމާޔަތަށް އިސްކަން ދިނުމުގެ މައްޗަށް ކަމަށެވެ.