ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ ފަރުދީ މިނިވަންކަމަށް މުއައްސަސާތަކުންނާއި ނޫސްވެރިން ވެސް މަސައްކަތްކުރަން ޖެހޭ: ރައީސް

ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ހައްގުތައް ހިމާޔަތްކޮށްދިނުމަށް މުއައްސަސާތަކުންނާއި ނޫސްވެރިން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިޠާބުގައި ވިދާޅުވީ މިނިވަންކަމުގެ އާ އަހަރަކާ ކުރިމަތިލާ އިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުން ކަމަށާއި އުފާވެރިކަމާއެކު ދިރިއުޅޭ ގެދޮރުވެރި، ފުދުންތެރި އަދި ފަހުރުވެރި އާއިލާތަކެއް ބިނާކުރުން ކަމަށެވެ.

"ފަރުދީ މިނިވަންކަން އިހުސާސްކުރެވޭނީ އެ މަގުސަދު ހާސިލުވެގެން. ރާއްޖޭގެ ކަނޑުފަޅާއި ފަރާއި އެއްގަމާއި ވަޔާއި ކަނޑުން ގުޅިފައިވާ މި ބިޔަ، ނޫ އިގުތިޞާދުގެ ނަފާ ހުރަހެއް ނެތި ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެން. ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވި، އަދުލު އިންސާފު ގާއިމުކުރެވޭނެ ކަމުގެ އިތުބާރާއި ޔަގީންކަން ހޯދައިދެވިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން ހާސިލުކުރެވޭނީ އެންމެން އެއް އަޒުމެއްގައި އެކަމަށް މަސައްކަތްކޮށްގެން ކަމަށާއި ދައުލަތުގެ ހުރިހާ ބާރުތަކާއި އެންމެހައި މުއައްސަސާތަކުގެ ހަގީގީ މަގުސަދަކަށް ވާން ޖެހޭނީވެސް ރައްޔިތުންގެ ފަރުދީ މިނިވަންކަން ހިމާޔަތްކޮށް، ރައްކާތެރިކޮށްދިނުން ކަމަށެވެ. އަދި ގައުމުގެ މަސްލަހަތުގައި މަސައްކަތްކުރާ ރާއްޖޭގެ ނޫސްވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ވެސް އެންމެ އިސް އަމާޒަކަށް ހަދަން ޖެހޭނީ ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ހައްގުތައް ހިމާޔަތްކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް އަބަދުވެސް އުފާފާގަތިކަމަށް އެދޭ ހާލު، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ ދިވެހީންގެ އަގު އުފުލައިދީ، މި ޖަޒީރާ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަދުލުވެރިކަމާއި ހަމަޔާއި އިންސާފު ގާއިމުކުރުމަށްޓަކައި، ވައްކަމާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިގަތުމަށް ދިވެހި ކޮންމެ ރައްޔިތަކަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިއީ އެންމެންގެ ގައުމެއް ކަމަށާއި މި ރާއްޖެ އިސްލާހުކޮށް ތަރައްގީ ކުރާނީ އެންމެން ގުޅިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.