އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ޓީމުން ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ލޯ މެޑެއްޔެއް ހޯދި އިރު، ބެޑްމިންޓަންގައި ރާއްޖެއަށް އިތުރު ތިން މެޑެލް ކަށަވަރުވެއްޖެއެވެ.
އައިއޯއައިޖީގެ ހަތަރެއް ގުނަ 100 މީޓަރު ދުވުމުގައި އިއްޔެ ވާދަކޮށް، ރާއްޖޭގެ ރިލޭ ޓީމު ނިންމާލީ ތިންވަނައިގައެވެ. އެޓީމުގައި ހިމެނެނީ ހަސަން ސާއިދާއި ސަރީސް އަހުމަދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އަދި ނުޖޫމް ހަސަނެވެ.
ރާއްޖޭގެ ޓީމުން ދުވުން ފުރިހަމަކޮށްފައިވަނީ 42.48 ސިކުންތުންނެވެ. ރަން މެޑެލް ހޯދި މަޑަގަސްކަރަ އިން 41.67 ސިކުންތުން ދުވުން ފުރިހަމަކުރި އިރު، ރިހި މެޑެލް ހޯދި ސީޝެލްސް އިން ދުވުން ފުރިހަމަކުރީ 42.21 ސިކުންތުންނެވެ.
މިއީ މިއަހަރުގެ އައިއޯއައިޖީގެ އެތުލެޓިކްސް އިން ރާއްޖެ ހޯދި ދެވަނަ މެޑެއްޔެވެ. މީގެ ކުރިން 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ވަނީ ލޯ މެޑެއްޔެއް ހޯދައިފައެވެ.
އައިއޯއައިޖީގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ބެޑްމިންޓަން ޓީމުން ވަނީ އިއްޔެ އިތުރު ތިން މެޑެއްޔެއް ކަށަވަރުކޮށްފައެވެ. ބެޑްމިންޓަންގެ މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުން ބަލިވި ނަމަވެސް، ރާއްޖޭގެ މުހައްމަދު އަޖުފާނާއި މައިސާ ފަތުހުﷲ ގެ ޕެއާއަށް ވަނީ ލޯ މެޑެއްޔެއް ލިބިފައެވެ. އެ އިވެންޓު ކުރިއަށްދިޔައީ ލޯ މެޑެލް ކަށަވަރުކުރާ ޕެއާ ބެލުމަށް ކުޅޭ މެޗު ނުކުޅެ، ސެމީން ބަލިވާ ޕެއާއަށް ލޯ މެޑެލް ލިބޭ ގޮތަށެވެ.
ބެޑްމިންޓަންގެ ވިމެންސް ސިންގަލްސް އަދި ވިމެންސް ޑަބަލްސްގެ ފައިނަލަށް ރާއްޖޭގެ ކުޅުންތެރިން ވަނީ ދަތުރުކޮށްފައެވެ. އެހެންކަމުން ރާއްޖެއަށް އެ ދެ އިވެންޓުގެ ރަން މެޑެލް ނުވަތަ ރިހި މެޑެލް ލިބޭނެއެވެ.
ބެޑްމިންޓަން ވިމެންސް ސިންގަލްސް ފައިނަލަށް ދަތުރުކޮށްފައިވަނީ ރާއްޖޭގެ އާމިނަތު ނަބީހާއެވެ. އަދި ވިމެންސް ޑަބަލްސް ފައިނަލަށް ދަތުރުކޮށްފައިވަނީ ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާއެވެ. އެ ދެ ފައިނަލު ވެސް މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ.
މިހާރު ކުރިއަށްދާ އައިއޯއައިޖީގެ ބެޑްމިންޓަންގައި ރާއްޖެ އިން ވަނީ މީގެ ކުރިން ވެސް ދެ މެޑެލް ހޯދައިފައެވެ. މީގެ ކުރިން ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު އަދި އަންހެން ބެޑްމިންޓަން ޓީމު ވެސް ވަނީ ޓީމް އިވެންޓުން ލޯ މެޑެއްޔެއް ހޯދައިފައެވެ.