ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގާނޫނީ ވަކީލަކު ހޯދުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތެއްގެ ހުށަހެޅުން ބާތިލްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމަތު ދިންގޮތުގައި މިމަހު 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖޭއެސްސީއަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ކުރިމަތިލުމަށް އަބްދުލްހަންހާނު އަހުމަދު ހުށަހެޅި ފޯމު ބާތިލްކޮށްފައިވަނީ ޖޭއެސްސީގެ މެމްބަރުކަމަށް އިތުރު ދައުރަކަށް އޭނާ އައްޔަން ކުރުމަށް ހުރަސް އެޅޭތީއެވެ. އެގޮތުން ހަންނާން ފޯމާއެކު ހުށަހެޅި ލިޔުންތައް އިތުރަށް ބެލިބެލުމުން އެ ކޮމިޝަނަށް ގާނޫނު އަސާސީން ހަންނާނަށް ޖޭއެސްސީގެ އިތުރު ދައުރެއް އަދާނުކުރެވޭނެކަން ފާހަގަވެފައިވާ ކަމަށް އިލެކްޝަނުން ބުނެއެވެ.
ހަންނާން މި އިންތިހާބުގައި ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުމުގެ އިތުރުން އެ ހުށަހެޅުން ކައުންސިލުން ބަލައިގަތުންވެސް ބާތިލްކޮށްފައިވާ ކަމަށް އިލެކްޝަނުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އިންތިހާބުގައި ބައިވެރިވާ އިތުރު ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަމްބަރަކަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.