ޚަބަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ހިއްސާ ކުރެއްވީ ތާރީހީ މައުލޫމާތުކޮޅެއް!

ފަތޯނާ ފާއިޒު

1

މާދަމާ ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ހިތާބުގައި ތާރީހީ މައުލޫމާތުތަކެއް ހިއްސާ ކުރައްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ނަޝީދު މިރޭ ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، 1965 ވަނަ އަހަރުން ފެށިގެން ޖުލައިމަހުގެ 26 ވަނަ ދުވަސް ދިވެހިން ފާހަގަ ކުރަމުން އަންނަނީ އެއްވެސް ގައުމެއްގެ އިސްތިއުމާރީ ބާރުގެ ދަށުގައި ނެތުމުން ލިބިފައިވާ، ސިޔާސީ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 1965 ވަނަ އަހަރުގައި ހިމާޔަތުގެ އެގްރީމެންޓުގައި ދިވެހިންނަކީ މިނިވަން، ދިވެހިންގެ އަމިއްލަ، އަދި ދާހިލީ ކަންކަން އަމިއްލައަށް ނިންމޭ ގައުމެއް ކަމުގައި ލިޔެވިގެން ދިޔަ ކަމަށެވެ. އަދި 1948 ވަނަ އަހަރާއި 1965 ވަނަ އަހަރާ ދެމެދުގައިވެސް ހިމާޔަތުގެ އެގްރީމެންޓަށް އެކިއެކި ބަދަލު ގެނެވުނުކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ދުނިޔެއަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދުނިޔެއެއް ކަމަށާއި ޤައުމުތަކާ ގުޅިގެން ނޫނީ، ތަރައްގީ ހޯދަން އުނދަގޫ ވާނެ ކަމަށެވެ.

"ރާއްޖެއަކީ އދގެ މެމްބަރެއް. އަދި އެހެންވެސް އެތައް ޖަމާއަތްތަކެއްގެ މެމްބަރެއް. އެހެންވީމާ، އޭގެ ސަބަބުން އެހެން ގައުމުތަކާ ގުޅެންޖެހޭ މިންވަރާއި ގުޅޭ ގުޅުން އެއީ އަޅުގަނޑުމެންގެ މިނިވަންކަން މިނެކިރުމުގައި މިއަދު ބޭނުން ކުރާ އަސްލެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިނިވަން ދުވަހާ ގުޅިގެން މިރޭ ދެއްވި ހިތާބުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބި، އަމިއްލަ ގައުމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއަދު ވަރަށް ރަނގަޅަށްވެސް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟