ޚަބަރު

އަލަށް އަމަލުކުރެވޭ އުސޫލުގެ ދަށުން މިހާރު ތިބި އެއްވެސް ލީޑިންގް ޓީޗަރެއްގެ ވަޒީފާއެއް ނުގެއްލޭނެ: އެޑިއުކޭޝަން

މަރިޔަމް ޝަހުދާ

އަލަށް އަމަލު ކުރެވޭ ލީޑިންގް ޓީޗަރުންގެ ޒިންމާ ބަދަލު ކުރުމުގެ އުސޫލުގެ ދަށުން މިހާރު ތިބި އެއްވެސް ލީޑިންގް ޓީޗަރެއްގެ ވަޒީފާއެއް ނުގެއްލޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެ މިނިސްޓްރީން މިކަމާ ގުޅިގެން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފަައި ވަނީ ''ލީޑިންގް ޓީޗަރު'' ކަމަކީ މަގާމެއް ނޫން ކަމަށެވެ. އަދި އެއީ ޓީޗަރުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް ހަވާލުކުރެވޭ މަސްއޫލިއްޔަތެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި އަލަށް އެކުލަވާލި އުސޫލަކީ ދެ އަހަރުގެ ޓެނުއަރޝިޕެއްގެ ގޮތުގައި ލީޑިންގް ޓީޗަރުކަމުގެ މަސްއޫލިއްޔަތު ކަނޑައަޅައި، ހުރިހާ ސްކޫލެއްގައި އެއް ހަމައެއްގައި ތަންފީޒު ކުރުމުގެ ބޭނުމުގައި އެކުލަވާލި އުސޫލެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި އުސޫލުގެ ދަށުން މިހާރު ތިބި ހުރިހާ ލީޑިން ޓީޗަރުން ކިޔަވައި ދިނުމަށް ހާއްސަވެފައިވާ ދާއިރާއިން ސިވިލް ސާވިސްގެ އޮނިގަނޑުގައި އެ ބޭފުޅަކު ދަރަޖަ ކުރެވޭ ޓީޗަރެއްގެ ފަންތީގައި އެމަގާމަށް 7 ސެޕްޓެމްބަރުގައި ރުޖޫއަ ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މިހާރު ތިބި ލީޑިން ޓީޗަރުންނަށް ކަނޑައެޅިފައިވާ ގޮތުގެ މަތިން 31 ޑިސެމްބަރުގެ ނިޔަލަށް އެލަވަންސް ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަލަށް އެކުލަވާލި އުސޫލުގެ ދަށުން ކޮންމެ ސްކޫލަކަށް ކަނޑައެޅިފައިވާ އަދަދަށް ލީޑިންގް ޓީޗަރު ކަމުގެ ޒިންމާ ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ދާނެކަން ހާމަކޮށް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ޓެނުއަޝިޕް އެލަވަންސް ގޮތުގައި ލީޑިން ޓީޗަރ މަސްއޫލިއްޔަތާއި ހަވާލުވާ މުދައްރިސުންނަށް މަހަކު -/1000 ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ލީޑީންގް ޓީޗަރުންގެ މަސްއޫލިއްޔަތާއި އައު އުސޫލުގެ ދަށުން ހަވާލުވުމަށް އެދި މިހާރު ތިބި ލީޑިން ޓީޗަރުންނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. ލީޑިންގް ޓީޗަރުންގެ ޒިންމާ ބަދަލު ކުރުމުގެ އައު އުސޫލަށް އަމަލު ކުރުމަށް ފެށުމަށް ހަމަޖެހިފައިވަނީ 2020 ގައެވެ.