ނިމިދިޔަ ޖޫން މަހު، މިނިސްޓްރީ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝާލް ސާރވިސް އަށް ޖުމްލަ 241 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަ ކުދިންނަނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި ހައްގުތަކުން ކުޑަކުދިން މަހްރޫމުވާ އާއިލީ މައްސަލަތަކާއި، ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންގެ އަހްލާގީ މައްސަލަތައް ހިމެނޭ ކަމަށެވެ.
އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ނުދިނުމާއި ނަފްސަށް ގެއްލުންދިނުމުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ.
އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ މިދިޔަ މިހު ވަނީ ރިޕޯޓު ކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ.
އިހުމާލުވުމުގެ ޖުމްލަ 41 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
މި ދެ ބާވަތުގެ މައްސަލައިގެ އިތުރުން ޖިންސީ ހާނިއްކައިގެ 36 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 23 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 18 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެއް ހިމެނެއެވެ.
ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ އަށް މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓު ކޮށްފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކަށް ނުދިނުމުގެ ތިން މައްސަަލަ، ތައުލީމަށް ހުރަސް އެޅުމުގެ ދެ މައްސަލަ، ވެކްސިން ނުދިނުމުގެ ދެ މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ މައްސަލައެއް ހިމެނެއެވެ.
އާއިލީ މައްސަލައިގެ ގޮތުގައި 18 މައްސަލަ މިދިޔަ މަހު މިނިސަޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ ފަސް މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ތިން މައްސަލަ ހިމެނެއެވެ.
އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލަ މިމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ލައިސެންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ މައްސަލައެއް އަދި މާރާމާރީ ހިންގުމުގެ މައްސަލައެއް ހިމެނެއެވެ.
ކުޑަކުދިންގެ އަހުލާގާ ގުޅޭ 19 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ ފަސް މައްސަލަ އަދި ސުކޫލަށް ދާން ބޭނުން ނުވުމުގެ ފަސް މައްސަލަ ވަނީ ރިޕޯޓު ކޮށްފައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ މިދިޔަ މަހު މިނިސަޓްރީއަށް ވަނީ ހުށަހެޅިފައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 20 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައި ވެއެވެ. މީގެ އިތުރުން، ޖިންސި ހާނިއްކަ ކުރުމުގެ ހަ މައްސަލަ، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ފަސް މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ މައްސަލައެއް، އިހުމާލުވުގެ މައްސަލައެއް، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއް، ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް އަދި ފާރަލުމުގެ މައްސަލައެއް ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 10 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ ހަތް މައްސަލައެވެ.
މީގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މިމަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައި ވެއެވެ.