އިބްރާހިމް ޒަކީ
މިދިޔަ ޖޫންމަހު ކ.މާފުށީ ޖަލުގައި ހިނގި ހާދިސާގައި ކުށްވެރިންނާ ދެކޮޅަށް އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރި މައްސަލައިގައި، ޒިންމާ ވާންޖެހޭ ފަރާތްތަކަށް ފިޔަވަޅުއަޅަން ފޮނުވައި، އެ މައްސަލައިގައި ސަސްޕެންޑްކޮށްފައި ހުރި އޮޕަރޭޝަން ކޮމާންޑަރުގެ ސަސްޕެންޝަން އުވާލައިފިއެވެ.
މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ކ. މާފުށީ ޖަލުގައި ހިނގި ނުކިޔަމަނަތެރި ކަންތައްތަކާ ގުޅިގެން، ޖަލު އޮފިސަރުން ބާރުގެ ބޭނުންކޮށް ގައިދީން ތަކަކަށް އަނިޔާކުރި ހާދިސާގައި ހަ ގައިދީއަކަށް ވަނީ އަނިޔާވެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ޖޫން ވިހީގައި ކ.މާފުށީޖަލުގައި ހިނގައިދިޔަ ހާދިސާގައި ހަލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާކަމަށް ތުހުމަތި ކުރެވޭތީ ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުންކުރުމާއި، ހަތިޔާރު ގެންގުުޅުމާބެހޭ ގަވާއިދުގައިވާ "ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީ" އަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މައްސަލަ ހުށަހެޅުމާ ގުޅިގެން އެ ކޮމިޓީީން މައްސަލަ ދިރާސާކޮށްފައިވާ ކަމަށެވެ.
"އެ މައްސަލަ ބެލުމަށްފަހު، ކޮމެޓީން އެކުލަވައިލި ރިޕޯޓްގައި ހާލަތާ އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާކަމަށް ފާހަގަ ކުރެވިފައިވާތީ، އެކަމުގެ ޒިންމާ އުފުލަންޖެހޭ އޮފިސަރުންނާމެދު ފިޔަވަޅު އެޅުމަށް، އެ ގާނޫނުގެ 45 ވަނަ މާއްސާގައި ބަޔާން ކޮށްފައިވާ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ވަނީ ފޮނުވައިފަ،" ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
ކަރެކްޝަންސްއިން ބުނީ މި މައްސަަލައިގެ ތުހުމަތުގައި މިހާތަނަށް ސަސްޕެންޑް ކޮށްފައިހުރި، އޮޕަރޭޝަން ކޮމާންޑަރުގެ ސަސްޕެންޝަން ދަމަހައްޓާނެ ތަނެއް ނެތްކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ އޭނާގެ ސަސްޕެންޝަންގެ އުވާލާފައިވާ ކަމަށެވެ.
"މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަމާޒަކީ މި ސަވިސްގެ އޮފިސަރުންނާއި މުވައްޒިފުންނަކީ ގާނޫނުތަކާއި ބައިނަލް އަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ކުށުގެ ވެށިން މީހުން ސަލާމަތްކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި، ޖުމުތަކައަށް މީހުން ނެރުމުގެ ޒިންމާ ފުރިހަމައަށް އުފުލާ ބަޔަކަށްވުން،" އެ ނޫސްބަޔާނުގައި ކަރެކްޝަނުން އިތުރަށް ބުނެފައިވެއެވެ.