ދިވެހި ގައުމަށް ކުރީން ޚިދުމަތް ކޮށްދެއްވައިފައިވާ ލީޑަރުންގެ ޚިދުމަތަށް ފަޚުރުވެރިވާ ގައުމަކަށް އަޅުގަނޑުމެންގެ ގައުމު ވާން ޖެހޭ ކަމަށް ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ދުންޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް، ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަންނަވަން ލަންކާ އެއާޕޯޓުން ފުރުއްވުމުގެ ކުރީން ލަންކާ އެއާޕޯޓުގައި އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގަ އެވެ.
ދުންޔާގެ ޓުވީޓާ އެކު ވަނީ ރައީސް ނަޝީދު އަރިހުގައި ނަންގަވައިފައިވާ ފޮޓޯއެއް ވެސް ޓުވީޓު ކުރައްވައިފަ އެވެ. އަދި ލަންކާ އެއާޕޯޓަށް ވަޑައިގެން ރައީސް ނަޝީދާއި މެޑަމް ލައިލާ އާއި ދެބޭފުޅުންނަށް "ގުޑް ބައި" ވިދާޅުވި ކަމަށް ދުންޔާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ދުންޔާ ކުރެއްވި ދެވަނަ ޓުވީޓުގައި ވަނީ ރައީސް ނަޝީދަށް އެމަނިކުފާނުގެ ގައުމަށް އެނބުރި ވަޑައިގެންނެވޭތީ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ލީޑަރުން ވާން ވާނީ ރައްޔިތުންނަށް ޖަވާބުދާރީވެ ޑިމޮކްރެސީ ނަގަހައްޓާ ބަޔަކަށް. ބަދަލުހިފުމުގެ ރޫހު ގެންގުޅުމުގެ ބަދަލުގައި އަމާންކަން ދަމަހައްޓަން މަސައްކަތް ކުރާ ބަޔަކަށް. ޑިމޮކްރެޓިކް ސަގާފަތެއް އަޅުގަނޑުމެންނަށް ބިނާކުރެވޭނީ އޭރުން." ދުންޔާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.