ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނިޔަތް އިހްލާސްތެރި ނޫން ކަަމަށް، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވެއްޖެއެވެ.
އާމިރު މިހެން ވިދާޅުވީ، ރާއްޖޭގައި ރަލާއި އޫރުމަސް މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މެމްބަރު ޖާބިރު ހުށަހެޅުއްވި ޤަރާރަށް އިއްޔެ ބަހުސް ކުރައްވަމުންނެވެ.
"ޖާބިރު ރަލަކާއި އަޅައިގެނެގެން އުޅުއްވާތީ އަޅުގަނޑު ހިތާމަކުރަން." އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ، އިސްލާމް ދީނުގައި ރާ ހަރާމް ކުރައްވާފައިވަނީ އޭގެ ސަބަބުން މުޖްތަމައުއަށް ނުރައްކާ ވާތީ ކަމަށެވެ.
"ކީއްތޯ ވާނީ ރާ ނުބޮއި ހުރިއްޔާ؟ އަޅުގަނޑަކަށް ހަމަ ގައިމުވެސް ރަލެއް ނުދެވޭނެ. ހޭނައްތާފައިވެސް ނުދެވޭނެ." އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ރަލާއި ބެހޭ ވާހަކަތައް ދައްކަންވާނީ ޒިންމާދާރު ގޮތެއްގައި ކަމަށެވެ.
އެގޮތުން ރަލުގެ ވާހަކަ ދައްކަން ވާނީ ސިޔާސީ ގޮތުން މަންފާއެއް ހޯދަން، ނުވަތަ ބަޔަކަށް ގެއްލުމެއް ދޭން ނޫން ކަަމަށްވެސް އާމިރު ވިދާޅުވިއެވެ. އަދި އެވާހަކަ ދައްކަން ވާނީ އިހްލާސްތެރި ނިޔަތެއް އޮވެގެން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގައި ރާ ވިއްކަމުން ދަނީ އެކަމާ ބެހޭ ޤާނޫނެއް ހެދި، އޭގެ ދަށުން ގަވައިދުތަކެއްވެސް ހެދިގެން. ރާ ބޯން ބޭނުންވާ މީހަކަށ،ް ރާ ހުރި ތަންތަނަށް ގޮސް، އެ ބުއިމުގެ ފުރުސަަތު އެބައޮތް" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ، ރާއްްޖޭގައި ރަލާއި އޫރުމަސް ނުވިއްކާ ހޮޓާތައް އެބަހުރި ކަމަށާއި، ރާ ވިއްކުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެކަން ކުރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.
އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަަސައްކަތް ކުރާ މީހަކު މިއަދުން ފެށިގެން، އެމީހެއްގެ ރިސޯޓުގައި ރާ ނުވިއްކާނެ ކަމަށް ބުނެފިނަމަ، އެމީހަކު ގޮވައިގެން ކޯޓަށް ދާނެ މީހަކު ނުހުންނާނެ ކަމަށް އާމިރު ވިދާޅުވިއެވެ.
ރާއްޖޭގައި ރަލާއި އޫރުމަސް މަނާ ކުރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އިއްޔެ ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައެއް ނުވެއެވެ.