ޚަބަރު

ދަށު ކޯޓުތަކުން ޖޭއެސްސީއަށް މެންބަރަކު އިންތިހާބު ކުރަނީ

އިބްރާހިމް ޒަކީ

ދަށު ކޯޓުތަކުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިހާބު ކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު މިކަމަށް ހުޅުވާލާފައިވަނީ، ޖޭއެސްސިއަށް ކޯޓުތަކުން އިންތިހާބުކުރި މެންބަރުގެ ގޮތުގައި، ޖޭއެސްސީގައި މިހާރު ހުންނެވި ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރު އެ ކޮމިޝަންގެ މެންބަރުކަމަށް އިންތިހާބުކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލުކަށް ހުޅުވާލަިއ ޑީޖޭއޭއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، މިކަމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގެ މެންބަރުކަމަށް ދަށު ކޯޓުތަކުން ކުރިމަތިލުމަށް މިއަދު ފުރުސަތު ހުޅުވާލާގައިވާ ކަމަށާއި، އަންނަ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ދަށު ކޯޓުތަކުން، ޖޭއެސްސީ ގެ މެންބަރަހޮވުމަށް ބާއްވާ އިންތިހާބަށް ވާދަ ކުރެވޭ ޝަރުތަކީ ދަށު ކޯޓެއްގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައި ނުވުމާއި ދަށު ކޯޓުގެ ފަނޑިޔާރަކަށްވުމެވެ.