ޚަބަރު

ނަފްސާނީ ބަލިމީހުންގެ ހައްގުތައް ރައްކާތެރި ކުރާމީހުން އިތުރުވާކަން މިހާރު އިހުސާސްވޭ

އާނިފާ ހުސެއިން ސިރާޖް

ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ ނަފްސާނީ ބަލި ތަހައްމަލް ކުރަމުންދާމީހުންނަށް އަޅާލާ، އެމީހުންގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާމީހުން އިތުރުވަމުން ދާކަމުގެ އިހުސާސް މިހާރު ކުރެއްވޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި މެންޓަލް ހެލްތް އެވެއާނަސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ "މެންޓަލް ހެލްތު ގެޕް ޓްރެއިނިންގ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު އައިޖީއެމްއެޗްގެ އޯކިޑް ކޮންފަރެންސް ހޯލްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނަފްސާނީ ބައްޔާމެދު މުޖްތަމަޢު ދެކޭ ގޮތް ބަދަލުވެ، ލިބެންޖެހޭ ބޭސްފަރުވާގެ ހިދުމަތް އަވަސްވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ފަރުވާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމުގައެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މީހުން ޢަމަލުކުރާނެ ސުލޫކީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ރައީސްގެ އަނބިކަނބަކުން ވަނީ އެފަދަ ސުލޫކީ މިންގަނޑެއް މިވަގުތު ގާއިމްކުރެވިފައި ނެތްނަމަވެސް، ނަފުސާނީ ބަލި މީހުންނަށް ވީ އެންމެ ރަނގަޅަކަށް ފަރުވާދިނުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މިއަދު ދެއްކެވި ވާހަކަފުޅުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމާއި ބަލި ދެނެގަތުމުގައި އަމަލު ކުރަންޖެހޭ ހަރުދަނާ އުސޫލުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.